ވިޔަފާރި

އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ 59 އިންސައްތަ ދަށަށް


މިދިޔަމަހު އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީން ދައުލަތަށް ލިބުނު އާމްދަނީ 59 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަމަހު ލިބިފައިވަނީ 117 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 59 އިންސައްތައިގެ ދަށްވުމެކެވެ.

މިދިޔަމަހުގެ އިމްޕޯޓަށް ބަލާއިރު، 1.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއީ 57 އިންސައްތައިގެ ދަށްވުމެކެވެ. އަދި 149 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު،، މިއީވެސް 73 އިންސައްތައިގެ ދަށްވުމެކެވެ.

މިދިޔަމަހު ރާއްޖެއަށް އިމްޕޯޓްކުރި ތަކެތީގެ ތެރެއިން އެންމެ ގިނައީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން 373 މިލިއަން ރުފިޔާގެ ކާބޯތަކެތި ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ އެތެރެކުރި މުދަލުގެ 17 އިންސައްތައެވެ.

އިމްޕޯޓްއާއި އެކްސްޕޯޓް ދަށްވެފައިވާއިރު، ރާއްޖެއަށް މުދާ ހިފައިގެން ބަނދަރުކުރި ބޯޓު ފަހަރުތަކާއި ފުރި ބޯޓު ފަހަރުތަކުގެ އަދަދުވެސް ވަނީ ދަށަށް ގޮސްފައެވެ. މިދިޔައަހަރުގެ މޭމަހު 76 ބޯޓު މުދާ ހިފައިގެން އައިއިރު، މިދިޔަ މޭމަހު އައިސްފައިވަނީ 38 ބޯޓެވެ.