ޚަބަރު

ކޯވިޑް-19 : ދުވަސްވީ މީހުންނާ، ކުޑަކުދިންނަށް ޚާއްސަ ވަގުތުގައި އެހެން މީހުން ބޭރަށް ނުކުތުން މަދުކުރޭ - ޑރ. އަފްޒަލް


ކޯވިޑް-19އާ ގުޅިގެން މިހާރު މާލޭގައި އޮތް އައު ޢާއްމު ޙާލަތުގައި ޢުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ބޭރަށް ނުކުންނަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި އެހެން މީހުން ވިހާވެސް މަދުން މަގުމަތީގައި ހަރަކާތްތެރިވުމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސްކުރައްވައިފިއެވެ.

ފުރަބަންދަށްފަހު މާލެ ސަރަޙައްދަށް ދީފައިވާ ލުއިތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުން ކަސްރަތުކުރުމަށާއި ހިތްހަމަޖައްސާލުމަށް ބޭރަށް ނުކުތުމަށް ކަނޑައަޅާފައިވަނީ ފަތިހު 5 އިން ހެނދުނު 8 ޖެހުމާހަމައަށެވެ. އަދި ކުޑަކުދިން ބެލެނުވެރިޔަކާއެކު ބޭރަށްގެންދާ ވަގުތެއްގެ ގޮތުގައި އިއުލާންކޮށްފައިވަނީ ހަވީރު ހަތަރަކުން އިރުއޮއްސި 6 ޖެހުމާހަމައަށެވެ.

މިވަގުތު ތަކުގައި މަގުމަތީގައި ހަރާކާތްތެރިވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، މިރޭ ބޭއްވި އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑިމިއޮލަޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ ޢުމުރުން ދުވަސްވީ މީހުން ބޭރުގައި ހަރަކާތްތެރިވާ ވަގުތުތަކުގައި ކަސްރަތު ކުރާނަމަ މަސްކު އެޅުން ރަނގަޅު ނޫންކަމަށެވެ. އަދި ކުޑަކުދިންގެ ތެރެއިން 2 އަހަރުން ދަށުގެ ކުދިންވެސް މާސްކު ނާޅުވަން އިރުޝާދު ދީފައިވާއިރު އެފަރާތްތަކަށް ބަލީގެ ވައިރަސް ނުދާނެފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަކީ ނުހަނު މުހިންމުކަމެއް ކަމަށެވެ.

"އުމުރުން ދުވަސްވީ މީހުން މާސްކް ނޭޅުން އެންމެ ރަނގަޅުވާނީ ކަސްރަތުކުރާއިރު. އެހެންވީމަ ހިންގަވާއިރު، ކަސްރަތުކުރައްވާއިރު، ބާރަށް ހިނގާއިރު އެބޭފުޅުންނަށް ބޭނުންވާނެ ވީހާވެސް އެހެން މީހުންނާ ދުރުގައި ތިބުން. އެހެންވީމަ އެހެން ބޭފުޅުން މިގަޑިތަކުގައި ބޭރަށް ނުކުތުން މަދުކުރުން ވީހާވެސް މުހިންމު. ހަމައެހެންމެ ކުޑަކުދިންގެ ވަގުތުކޮޅުގައިވެސް އެހެންމީހުން މަގުމަތޫގައި އުޅުން ވީހާވެސް މަދުކުރަންޖެހޭ" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިމަހުގެ 15އިން ފެށިގެން މާލެ ސަރަޙައްދުގައި އިޢުލާންކޮށްފައިވާ ފުރަބަންދަށް ދިން ލުއިތަކުގެތެެރޭގައި ފަތިހު 5އިން ފެށިގެން ރޭގަނޑު 10 ޖެހުމާހަމައަށް ހުއްދައަކާއި ނުލައި އާންމުން ބޭރުގައި އުޅުމަށްވަނީ ހުއްދަދީފައެވެ. އެހެން ނަމެވެސް ބޭރަށް ނިކުތުން ވީހާވެސް މަދުކުރުމާއި ގައިދުރުކަން އިޚްތިޔާރުކުރުމުގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންއީއޯސީންވަނީ އިރުޝާދު ދެއްވާފައެވެ. އަދި ފުރަބަންދު އެއްކޮށް އުވާލާފައި ނުވާތީ އެއް ގެއިން އަނެއް ގެއަށް ދިއުމަކީ މިހާރުވެސް ހުއްދަކަމަކަށް ނުވާތީ ގޭގެއަށް ނުދިއުމަށް އެންއީއޯސީން ވަނީ އިލްތިމާސްކުރައްވާފައެވެ.