ކުޅިވަރު

މުޙައްމަދު ޝިފާންއަށް ޤައުމީ ސްކޮޑުން ފުރުޞަތު ގެއްލިއްޖެ


ބަދަލުތަކަކާއެކު ސީނިއަރ ޤައުމީ ފުޓްބޯޅަ ޓީމްގެ ސްކޮޑް އަލުން އެކުލަވާލައިފިއެވެ. އަލުން އެކުލަވާލި ސްކޮޑުން ފުރުޞަތު ގެއްލުނު ތަޖުރިބާކާރު މުޙިއްމު ދެ ކުޅުންތެރިންނަކީ ނިއުރޭޑިއަންޓްގެ މިޑްފީލްޑަރ މުޙައްމަދު ޝިފާންއާއި ރިލްވާން ވަހީދެވެ. ޝިފާން އަކީ ރަން މެޑަލް ހޯދި ޓީމްގައި ހިމެނޭ އަދި ޑިފެންސަށްވެސް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ނިއުރޭޑިއަންޓްގެ ރިލްވާން ވަހީދަކީ އަދި ޒުވާން ކުޅުންތެރިއެކެވެ. ނަމަވެސް ފާއިތުވި މުބާރާތްތަކުގައި ޤައުމީ ސްކޮޑްގައި އަދި ފުރަތަމަ އެގާރައިގައިވެސް ހިމެނިގެން ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ފުރަތަމަ މެޗުން ފުރުޞަތު ދިން ނަމަވެސް ފަހު ދެމެޗުން އޭނާއަށް ފުރުޞަތު ދީފައެއްވެސް ނުވެއެވެ.ޓީމުން ފުރުޞަތު ހޯދި ދެކުޅުންތެރިންނަކީ ބީޖީގެ އަބުދުﷲ މުއާޒުއާއި ޒުވާން ޓީމްގެ ކީޕަރ ޖަޒްލާންއެވެ. މިސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އަބުދުﷲ މުއާޒް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ބައެއް މެޗުތަކުގައި މޮޅަށް ކުޅެފައެވެ. ސްކޮޑްގައި އެންމެ ގިނައިން ހިމެނެނީ މާޒިޔާގެ ކުޅުންތެރިންނެވެ. އަނިޔާގައި ހުރި ކީޕަރު އިމްރާން މުޙައްމަދު ނުލައި މާޒިޔާގެ އަށް ކުޅުންތެރިން ސްކޮޑްގައި ހިމެނެއެވެ. އެއީ ސަމްދޫހު މުޙައްމަދު، މުޙައްމަދު އުމެއިރު، އަހުމަދު ނާޝިދު، މޫސާ ޔާމީން، މުޙައްމަދު އިރުފާން، އަލީ އަމްދާން، އަހުމަދު އިމާޒު، އަދި އަސަދުﷲ އަބުދުﷲއެވެ. އަނިޔާގެ ސަބަބުން މާޒިޔާގެ ހުސައިން ނިޔާޒް މުޙައްމަދަށްވެސް ވަނީ ފުރުޞަތު ގެއްލިފައެވެ. ދެން އެންމެ ގިނަ ކުޅުންތެރިން ހިމެނޭ ނިއުރޭޑިއަންޓްގެ ހަ ކުޅުންތެރިން ސްކޮޑްގައި ހިމެނެއެވެ. އެއީ އަހުމަދު އަބުދުﷲ، އަލީ ފާސިރު، އަސްއަދު އަލީ، މުޙައްމަދު ރަޝީދު، ހަމްޒާ މުޙައްމަދު، އަދި ޝާފިއު އަހުމަދެވެ. މުއާޒްގެ އިތުރުން ބީޖީން ސްކޮޑްގައި ހިމެނެނީ ކީޕަރ އިބްރާހީމް އިފްރާހް އަރީފެވެ.ޓީސީގެ ކީޕަރ މުޙައްމަދު އިމްރާންގެ އިތުރުން އެޓީމުން ސްކޮޑްގައި ހިމެނެނީ އެންމެފަހުން އެކުލަވާލި ސްކޮޑްގައިވެސް ހިމެނުނު ނާއިޒު ހަސަންއެވެ. އީގަލްސްއިން ސްކޮޑްގައި ހިމެނެނީ ދެ ކުޅުންތެރިންނެވެ. އެއީ އިސްމާއީލް އީސާއާއި މުޖުތާޒް މުޙައްމަދެވެ. މަހިބަދޫގެ ސަމޫހު އަލީއަށްވެސް ސްކޮޑުން ވަނީ ފުރުޞަތު ދީފައެވެ. ސްކޮޑުން ޖާގަ ހޯދި ވެލެންސިޔާގެ ކުޅުންތެރިންނަކީ އަކްރަމް އަބުދުލްޣަނީއާއި، ކީޕަރު އަހުމަދު އާތިފްއެވެ. މީގެއިތުރުން ސްކޮޑްގައި ހިމެނީ މެލޭޝިޔާގެ ޕީޑީއާރުއެމްއަށް ކުޅޭ ކެޕްޓަން އަލީ އަޝްފާޤާއި، މިޔަންމާގެ ކޭބީޒެޑްއަށް ކުޅެމުން އަންނަ މުޙައްމަދު އާރިފްއެވެ.އިސްމާއީލް މަހުފޫޒްގެ އިރުޝާދުގެ ދަށުން ޤައުމީ ޓީމް އެންމެ އަވަހަށް ނިކުންނާނީ ވަރލްޑްކަޕް ކޮލިފައިންގައި ޗައިނާއާއި ދެކޮޅަށެވެ. މިމެޗު ކުޅޭނީ އަންނަ މަހުގެ 8 ގައެވެ. ސްކޮޑް އަލުން މިއެކުލަވާ މިލީ ކުރީގެ ކޯޗު ބަލްގޭރިޔާގެ ވެލިޒަރ ޕޮޕޯވް މަޤާމުން އިސްތިއުފާ ދީފައިވަނިކޮށެވެ. ކޯޗު އިސްތިއުފާ ދިނީ އެފްއޭއެމްއިން އެގޮތަށް އެންގުމުންނެވެ.