ޚަބަރު

ގައިދުރު ކަމެއް ނުފެނޭ! މިއީ ބޮޑު ގޯހަކަށް ވެދާނެ


މާލެއިން ކޯވިޑް-19 ފެނި ފުރަބަންދު ކުރިތާ ބަރާބަރު ދެމަސް ދުވަސް ހޯމަ ދުވަހުން ފެށިގެން ފުރަބަންދުގެ ފިޔަވަޅުތަކަށް ވަނީ ލުއިތަކެއް ދީފައެވެ. އޭގެ ތެރެއިންވެސް ދީފައިވާ އެންމެ ބޮޑު ލުޔަކީ ކުރިން ހުއްދަ ނެގުމަކާއި ނުލައި ވަކި ވަގުތުތަކެއްގައި އާއްމުންނަށް ނިކުމެ އުޅެން ފުރުސަތު ދިނުމެވެ. އޭރުވެސް އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވީ، ބޭރުތެރޭގައި މީހުން އުޅޭއިރު ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ނުދީފާނެތީއެވެ. ގެއިން ބޭރުގައި އުޅޭއިރު މާސްކް ނޭޅުމާއި، ރައްޓެހިންނާއި ދަންނަ މީހުންނާއެކު އެއްވެ އުޅުމުގެ ކަންބޮޑުވުންތައް އޭރުވެސް އޮތެވެ.

މާލޭގެ ފުރަބަންދަށް ލުއިދިންތާ 3 ދުވަސްވީ އިރު މާލެއިން ފެނުނީ ފެންނަން ބޭނުންވި މަންޒަރެއް ނޫނެވެ.

ގައިދުރުކަމަށް އިސްކަން ދޭން ސިއްހީ މާހިރުން ތަކުރާރުކޮށް ލަފާ ދެއްވަމުންއައި ނަމަވެސް މާލޭގެ މަގުތަކުން ފެންނަނީ އެ މަންޒަރެއް ނޫނެވެ. އެންމެ ބޮޑަށް މި މަންޒަރު ފެނިގެންދިޔައީ ޓޭކްވޭގެ ހިދުމަތް ހޯދަން ދާ ފަރާތްތަކުގެ ކިބައިންނެވެ. މަސައްކަތުގައި އުޅެފައި ނޫނީ ގޭގައި އޮވެ ފޫހިވެގެން ކޮފީއެއް ބޯލަން ނިކުންނަ ބައެއް މީހުންގެ ސިކުނޑީގައި ކޯވިޑް 19 ބަލިމަޑުކަން ފެތުރިދާނެ ކަމުގެ ކަންބޮޑުވުމެއް އޮތްހެނެއް އެމީހުންގެ އަމަލުތަކުން ހިއެއް ނުވެއެވެ.

ހާއްސަކޮށް ކައިބޮއެ އުޅޭ ވަގުތުގައި މާސްކު އަޅައިގެން ނުހުރެވޭއިރު އެ ވަގުތު ކައިރީގައި ހުންނަ މީހާއަށް އެމީހެއްގެ ފަރާތުން ވައިރަހުގެ އަސަރެއް ކޮށްފާނެ ކަމާއިމެދު މާބޮޑު ފިކުރެއް ނެތެވެ. ޓޭކްއަވޭ ތަންތަނުން ކާއެއްޗެއް ނުވަތަ ކޮފީއެއް ބަލައި ގޮސްވެސް ބައެއް މީހުން ތިބެނީ ބޮނޑިވެގެންނެވެ. އަދި ކޮފީތައްޓާއި ކާއެއްޗާއެކު އަނެއްކާވެސް ގޮސް އިށީންނަނީ ނުވަތަ ތިބެނީ ދެތިން މީހުން އެއްކޮށް އެއްތަނެއްގައެވެ.

ނަމަވެސް މިގޮތައް މީހުން ބޮނޑިވެގެން ތިބުމާ ދެކޮޅު މީހުން ވެސް އެބަ ތިއްބެވެ. އެކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ ރާޅުގަނޑު ސަރައްދުންނެވެ. ފުރަބަންދަށް ދިން ލުއިތަކާއިއެކު ރާޅުގަނޑު ސަރައްދުގައި އޮންނަ ގަސްތަކުގެ ތެރޭގައި ގިނަ ބަޔަކު ޖަމާވެ ތިބެން ފެށުމުން ރާޅާއަޅަން ދާ ޒުވާނުން ވަނީ އެ ސަރައްދަށް ދާ މީހުން ކޮފީތަށި ހިފައިގެން ގުރޫޕްހަދާފައި ގިނައިރު ތިބޭ ތިބުން ނިމުމަކަށް ގެނައުމަށް ފިޔަވަޅުތަކެއް އަޅާފައި އެވެ. އެގޮތުން ޒުވާނުން ވަނީ އެތަނުގައި ހުރި އަށިތަކުގައި މީހުނަށް އިށީނދެ ނުތިބޭވޭނެ ގޮތަށް ސަތަރިއަޅައި ބަންދުކޮށްފައި އެވެ. އަދި ޖޯލިފަތިތައް ވަނީ ނަގާފައެވެ.

ގައިދުރުކަމަށް އިސްކަން ނުދޭ އަނެއް ތަނެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ބޭންކުތަކުން ހިދުމަތް ހޯދަންދާ ފަރާތްތަކުގެ ކިބައިންނެވެ. ބޭންކު ކައިރި ބޮނޑިވެގެން ގިނަ އަދަދެއްގެ ބިދޭސީން ހެނދުން ފެށިގެން ތިބޭއިރު ގައިދުރުކަމަށް މާބޮޑު އަޅާލުމެއް ނެތެވެ.

މިގޮތަށް ގައިދުރުކަމަށް އިސްކަން ނުދީފި ނަމަ ވެގެންދާނީ ގޭގައި ތިބޭ އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނާ ހިސާބަށް ބަލި ގެންދާ ބަޔަކަށެވެ. މިއީ މިހާރު ދީފައި އޮތް ލުއިތަކުގެ މަގުސަދެއް ނޫނެވެ. މި ވަގުތު ފަސޭހަކޮށްލައިފި ކަމަށްވާނަމަ ކޯވިޑް19 ބަލި މަޑުކަމުން އަރިގަތުމަށް ކުރާ މަސައްކަތުގައި ނާކާމިޔާބީއާ ކުރިމަތިވެ ހާލަތު އިތުރަށް ގޯސްވެދާނެ އެވެ. ބޭރަށް ނިކުމެ އުޅުމާއި ވިޔަފާރީ ކުރުންވެސް މި ވަގުތަށް މަނަލެއް ނޫނެވެ. ނަމަވެސް ކޮށްލަން ޖެހެނީ ހަމަ ކުޑަ ކަމެކެވެ. ގައިދުރުކަމަށް އިސްކަންދީ ބަލި ފެތުރުނަ ނުދޭން ކުރާ މަސައްކަތުގައި ކޮންމެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރުމެވެ.