ވިޔަފާރި

ސިވިލް ސަރވިސްގެ 22378 މުވައްޒަފުންގެ އަސާސީ މުސާރަ 6400 ރުފިޔާއަށްވުރެ ދަށް


ސިވިލް ސަރވިސްގައި މަސައްކަތްކުރާ 22378 މުވައްޒަފުންނަކީ އަސާސީ މުސާރައިގެ ގޮތުގައި 6400 ރުފިޔާއަށްވުރެ ދަށް މުސާރައެއް ލިބޭ މީހުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ފޮނުވާފައިވާ މިނިމަމް ވޭޖް ރިޕޯޓާ ގުޅޭގޮތުން ލަފާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން މިނިސްޓަރ އޮފް ފިނޭންސްއާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައެޅުމުން ސަރުކާރު މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް ކުރާ ހޭދަ 3.7 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ސިވިލް ސަރވިސްގައި މަސައްކަތްކުރާ 44838 މުވައްޒަފުންގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 6400 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ލިބެނީ 478 މީހުންނަށްކަމަށެވެ. އެއީ ޕަބްލިކް ސަރވިސްގެ ލެވަލް 7 އަށްވުރެ މަތީގެ ވަޒީފާތަކެވެ. އަދި މިނިމަމް ވޭޖެއް ކަނޑައަޅާ ހިސާބުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެވެސް މުސާރައަށް ބަދަލުތައް އަންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއާއެކު ބަޖެޓުގެ ތެރެއިން ކުންފުނިތަކަށް ދޭ ކެޕިޓަލް އިންޖެކްޝަންތައް އިތުރުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރގެ ވާހަކަފުޅުގައި މިދަނޑިވަޅަކީ މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ވިދާޅުވިއެވެ. އެއީ ކޯވިޑް-19އާ ގުޅިގެން ސަރުކާރުގެ ޙަރަދުތައް އިތުރުވެ، އާމްދަނީވެސް ވަނީ ވަރަށް ދަށަށް ގޮސްފައިވާތީކަމަށެވެ.

މިއަހަރަށް ބަޖެޓް ފާސްކުރިއިރު ބަޖެޓް ޑެފިސިޓް 6 ބިލިއަން ރުފިޔާގައި ހުއްޓަސް ޑެފިސިޓް 15.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް މިހާރު ލަފާކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ މާލީ ހާލަތު ރަނގަޅުކޮށް މިހާރު އޮތް ހާލަތުން އަރައިގަތުމަށް 2 އަހަރުދުވަސް ނަގާނެ ކަމަށާއި، މިނިމަމް ވޭޖެއް ކަނޑައަޅަން އެންމެ ރަނގަޅީ 2020 ވަނަ އަހަރުކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ.