ތަޢުލީމު

2014 ވަނަ އަހަރު ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް މަލްހާ


ހިރިޔާ ސްކޫލުގެ ފާއިތުވި އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް އައިޝަތު މަލްހާ ނާސިރު ހާސިލުކޮށްފިއެވެ. އެންމެ މޮޅު ދަރިވަރުގެ މަޤާމް ހާސިލުކުރި މަލްހާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމާއި، އެޑިއުކޭޝަން މިނިސްޓްރީން ދެއްވާ ޚާއްސަ އިނާމު ހަވާލުކޮށްފައިވަނީ ރޭ އެ ސްކޫލުގައި ބޭއްވި 2014 ވަނަ އަހަރުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައެވެ. އައިޝަތު މަލްހާ ނަސީރަށް އިނާމުތައް ހަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމެވެ.ހިރިޔާ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމްގެ އިތުރުން މަލްހާ ވަނީ އޯލެވެލް އިމްތިހާނުން ނެޝެނަލް ޓޮޕްޓެންގެ ހަތަރުވަނަ މަޤާމާއި، ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދިހަ ދަރިވަރުންގެ ތެރެއިންވެސް އެއްވަނަ ހާސިލުކޮށްފައެވެ.މީގެ އިތުރުން މަލްހާއަށް ވަނީ ހިރިޔާ ސްކޫލުގެ އެންމެ ފުރަތަމަ ޕްރިންސިޕަލް، އަލްމަރުހޫމް އަލީ ނާޒިމްގެ ހަނދާނުގައި ދެވޭ ޚާއްސަ އެވޯޑް، "އަލީ ނާޒިމް އެވޯޑް"ވެސް މި ރަސްމިއްޔާތުގައި އަރުވާފައެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ، ތަޢުލީމީ ހަޔާތް ނިންމުމަށްފަހު، މުޖުތަމައުގެ ތެރެއަށް ނުކުންނަށް ދަރިވަރުންނަކީ، އެ އުނގެނޭ ތަޢުލީމަކާއި އެއްވަރަށް އަހުލާޤީގޮތުންވެސް ރަނގަޅު ދަރިވަރުންތަކަކަށްވުން މުހިއްމުކަމުގައެވެ. އަދި ސްކޫލު މާހައުލުގައި ދަރިވަރުން ދަސްކުރާ އެއްޗެއްގެ ބޭނުން، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި، ދިރިއުޅުމުގައި ދިމާވާ އެކިކަހަލަ ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލެވޭ ޤާބިލު ދަރިންތަކަކަށްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް މަޞްރޫފު މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ހިރިޔާ ސްކޫލުން ތައުލީމު ހާސިލުކުރުމަށްފަހު، މުޖުތަމައު ތެރެއަށް ނުކުންނަށް ދަރިވަރުންނަކީ ޤައުމު ފަހުރުވެރިވާފަދަ ޙިދުމަތްތަކެއް ކޮށްދޭނެ ދަރިވަރުންތަކަކަށްވުން، އެއީ އެ ސްކޫލުގެ އަބަދުވެސް އެންމެ ބޮޑު އުއްމީދުކަމުގައެވެ. އަދި ހުރިހާ ދަރިވަރުންވެސް އެ އަމާޒަށް ވާސިލުވުމަށް ހިތްވަރާއެކު މަސައްކަތްކުރެއްވުމަށް ޕްރިންސިޕަލް އެދިލެއްވިއެވެ. ހިރިޔާ ސްކޫލުގެ 2014 ވަނަ އަހަރުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އެ ސްކޫލުގެ އެންމެ މޮޅު 10 ދަރިވަރުންނަށާއި، ނެޝެނަލް ޓޮޕްޓެންގައި ހިމެނުނު ދަރިވަރުންނަށްވެސް އިނާމާއި ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ. މިދިޔަ އަހަރުގެ އޯލެވެލް އިމްތިނާހުގެ ނެޝެނަލް ޑޮޕްޓެންއިން ހިރިޔާ ސްކޫލުގެ 8 ދަރިވަރަކު ޖާގަހޯދާފައިވޭ. 14 ޖޫން 20089 ވަނަ އަހަރު ހުޅުވިގެންދިޔަ ހިރިޔާ ސްކޫލުގައި މިހާރު 1800އަށް ވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލުކުރަމުންނެވެ.