ޚަބަރު

މޯލްޑިވިއަންގެ އެއާބަސް ފްލައިޓް މާފަރަށް ޖައްސައި އިންޓަރނޭޝަނަލް ދަތުރުތަަކަށް އުއްމީދުއާކޮށްދީފި


ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓުގައި ބޭނުންކުރާ އެންމެ ބޮޑު މަތިންދާބޯޓު އެއާބަސް އޭ 321 މާފަރު އެއާޕޯޓަށް ޖައްސައި، ބޭރުގެ ދަތުރުތަކަށް އެ އެއާޕޯޓު ބޭނުން ކުރެވޭނެ ކަމުގެ އުއްމީދުއާކޮށްދީ ޔަޤީންކޮށްދީފިއެވެ.

އިންޓަނޭޝަލް އެއާޕޯޓެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ މާފަރު އެއާޕޯޓު ޖުލައި 1ން ފެށިގެން އިންޓަރނޭޝަލް އެއާޕޯޓަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

މާފަރު އެއާޕޯޓަށް ފުރަތަމަ ފަހަރަށް މޯލްޑިވިއަންގެ އެއާބަސް އޭ 321 ފްލައިޓް ޖެއްސި އިރު، އެފްލައިޓުން ގެންގޮސްފައި ވަނީ ކަރަންޓީންއަށް ގެންދިޔަ މީހުންނެވެ.

މޯލްޑިވިއަންއިން ބުނެފައި ވަނީ މާފަރު އެއާޕޯޓަށް އެއާބަސް ފްލައިޓުގައި ޖުމުލަ 380 މީހުން އުފުލާނެ ކަމަށެވެ.

މިގޮތުން މިއަދު ކޮށްފައި ވަނީ އެބޯޓުގައި މާފަރަށް ކުރާ ފުރަތަމަ ދަތުރެވެ. މިދަތުރުގައި ވަނީ 200 މީހުން ގެންގޮސްފައެވެ.

މާފަރު އެއާޕޯޓު ހަދަމުން ދިޔަ ދުވަސްވަރުގައިވެސް ސައޫދީއެއާލައިންގެ އެއާބަސް ފްލައިޓެއް ވަނީ އެއާޕޯޓުގައި ޖައްސާފައެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭން ބޭރުން އަންނަ ފްލައިޓްތަކަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ނޫން އެހެން އެއާޕޯޓެއް ހުޅުވާލުމަށް ސަރުކާރުން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

ސަރުކާރުން މާފަރު އެއާޕޯޓުތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737ގެ ބޯޓުފަހަރުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ.

މާފަރު އާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 2200 މީޓަރެވެ. ވިލާގުރޫޕުން ހަދާފައިވާ މާމިގިލީ އެއާޕޯޓުގެ ރަންވޭގެ ދިގުމިނަކީ 1800 މީޓަރެވެ. ރާއްޖޭގައި އެންމެ ދިގުރަންވޭ އެއް އޮންނަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 3600 މީޓަރެވެ.
މާފަރު އެއާޕޯޓަކީ ސީދާ އިންޓަރނޭޝަނަލް ދަތުރުތަކަށް އަމާޒުކޮށް ޑިޒައިންކޮށް ވަސީލަތްތައް ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ.