ޚަބަރު

އޮގަސްޓު މަހުގެ ކުރިން ސްރީ ލަންކާގެ ވައިގެ ބަނދަރުތައް ހުޅުވަނީ


ސްރީ ލަންކާގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތައް އޮގަސްޓު 1ގެ ކުރިން ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް އެ ޤައުމުން ބުނެފިއެވެ.

ކޯވިޑް-19 ފެތުރެން ފެށުމުން ސްރީ ލަންކާގެ ވައިގެ ބަނދަރުތައް ފަތުރުވެރިންނަށް ބަންދުކޮށްފައިވަނީ މާރިޗު މަހުގެ ތެރޭގައެވެ.
އޭޕްރިލް މަހުން ފެށިގެން މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައެއް ނުވެއެވެ. އެހެންކަމުން އަނބުރާ ނާދެވި، ބޭރު ޤައުމުތަކުގައި ތާށިވެފައި ތިބި ސްރީ ލަންކާގެ ރައްޔިތުން އަނބުރާ ޤައުމަށް ގެނެވުމުން ބައިނަލްއަޤްވާމީ ދަތުރުތަކަށް ވައިގެ ބަނދަރު ހުޅުވަން ހަމަޖެހިފައިވާކަމަށް އެ ޤައުމުގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރާބެހޭ ވަޒީރު ޕްރަސަންނަ ރަނަތުންގާވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޤައުމަށް އަނބުރާ އަންނަން ބޭނުންވާ 20،000 މީހުން އަދިވެސް އެބަތިބިކަމަށާއި މިހާތަނަށް 10،000 މީހުން ގެނެސްފައިވާކަމަށެވެ.

އޮގަސްޓު މަހުގެ ކުރިން ޤައުމަށް އެނބުރި އަންނަން ބޭނުންވާ މީހުން ގެނެވޭނެކަމަށާއި އެ މީހުން ގެނެވުނުހާ އަވަހަކަށް ފަތުރުވެރިންނަށް ޤައުމު ހުޅުވާލާނެކަމަށް ރަނަތުންގާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސްރީ ލަންކާއަށް ޒިޔާރަތްކުރާ ހުރިހާ ފަތުރުވެރިން ކޯވިޑް-19އަށް ތަހުލީލު ކުރަންޖެހޭނެކަމަށާއި އެ މީހުންނަށް ޤައުމަށް އެތެރެވެވޭނީ ތަހުލީލުގެ ނަތީޖާ ލިބުމުންކަމަށެވެ.

ސްރީ ލަންކާގައި މިހާތަނަށް 1،905 މީހުންނަށް ކޯވިޑް-19 ޖެހި، 11 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބައްޔަށް ފަރުވާ ދެމުންދަނީ 552 މީހުންނަށެވެ.