ދެ ކޮރެޔާގެ ދެމެދު މުވާސަލާތު ކުރުމަށް ޤާއިމުކޮށްފައިވާ އިދާރާއެއް އުތުރު ކޮރެޔާއިން ގޮއްވާލާފައިވާކަމަށް ދެކުނު ކޮރެޔާއިން ބުނެފިއެވެ.
ދެ ކޮރެޔާގެ ދެމެދުގައި މުވާސަލާތު ކުރުމަށް 2018ވަނަ އަހަރު ޤާއިމުކުރި އިދާރާވަނީ ކޯވިޑް-19ގެ ސަބަބުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބަންދުކޮށްފައެވެ. ދެކުނު ކޮރެޔާއިން ބުނީ ދެ ކޮރެޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި ހުންނަ އެ އިދާރާއަށް އުތުރު ކޮރެޔާއިން ޙަމަލާދީ ގޮއްވާލާފައިވަނީ އެ ޤައުމުގެ ގަޑިން މެންދުރު 3 ޖަހަނިކޮށްކަމަށެވެ. އެ ޙަމަލާ ދީފައިވަނީ ދެކުނު ކޮރެޔާއަށް އަސްކަރީ ޙަމަލާއެއް ދޭނެކަމުގެ އިންޒާރު އުތުރު ކޮރެޔާއިން ދީފައިވާ ދަނޑިވަޅެއްގައެވެ. އަދި ދެ ކޮރެޔާގެ ދެމެދު ކަނޑައަޅާފައިވާ ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދަށް ބަރު ހަތިޔާރާއެކު އަސްކަރިއްޔާ ފޮނުވާނެކަމުގެ އިންޒާރުވެސް އުތުރު ކޮރެޔާއިންވަނީ ދީފައެވެ.
އުތުރު ކޮރެޔާ ދޫކޮށް ދެކުނު ކޮރެޔާއަށް ހިޖުރަކޮށްފައިވާ މީހުން އުތުރު ކޮރެޔާއަށް ޤަވައިދާ ޚިލާފަށް ސިޔާސީ ލީފުލެޓާއި މަޖައްލާފަދަ ތަކެތި ފޮނުވާކަމަށް ބުނެ އުތުރު ކޮރެޔާއިންވަނީ ދެ ކޮރެޔާގެ ދެމެދު އޮންނަ މުވާސަލާތީ ގުޅުން ކަނޑާލާފައެވެ. އެ މައްސަލަ ޙައްލުކުރުމަށް ޤަވާއިދާ ޚިލާފަށް ތަކެތި ފޮނުވާ މީހުންނާމެދު ދެކުނު ކޮރެޔާއިންވަނީ ޤާނޫނީ ފިޔަވަޅު އަޅަން ފަށައިފައެވެ.
އުތުރު ކޮރެޔާގެ ޒަޢީމް ކިމް ޖޮން އުންގެ ޚާއްޞަ މުޝީރެއްގެ ގޮތުގައި ނުރަސްމީކޮށް މަސައްކަތްކުރައްވާ އޭނާގެ ނުފޫޒުގަދަ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގުވަނީ ދެކުނު ކޮރެޔާއަކީ އުތުރު ކޮރެޔާގެ ދުޝްމަނެއްކަމަށް ވިދާޅުވެ، ޒަޢީމާއި ޕާޓީއާއި ދަޢުލަތުން އޭނާއަށް ލިބިދޭ ބާރުގެ ދަށުން ދެކުނު ކޮރެޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމާގުޅޭ ވުޒާރާއަށް އަންގަވައިފައެވެ. އަދި ދެ ކޮރެޔާގެ ދެމެދު މުވާސަލާތު ކުރުމަށް ޤާއިމުކޮށްފައިވާ އިދާރާއަށް ޙަމަލާދޭނެކަމުގެ އިންޒާރުވެސްވަނީ ދީފައެވެ.
އެކަމާ ގުޅޭގޮތުން ދެކުނު ކޮރެޔާއިން ބުނީ ދެ ކޮރެޔާ ދެމެދުވެފައިވާ އެއްބަސްވުންތަކަށް އުތުރު ކޮރެޔާއިން އިޚްތިރާމު ކުރަންޖެހޭނެކަމަށާއި ދިމާވެފައިވާ ޙާލަތަށް މުހިންމުކަމެއް ދީގެން ދެކުނު ކޮރެޔާއިން އެކަން ކައިރިން ބަލަމުންދާކަމަށެވެ. އެ މައްސަލައާ ގުޅޭގޮތުން އެ ޤައުމުގެ ޤައުމީ ސަލާމަތާބެހޭ ކައުންސިލުންވަނީ ޚާއްޞަ މަޝްވަރާތަކެއް ކޮށްފައެވެ.
ދެކުނު ކޮރެޔާއަށް ބިރުދައްކައިގެން އުތުރު ކޮރެޔާއިން ޚާއްޞަ މަޤުސަދުތަކެއް ޙާޞިލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ކަމާބެހޭ މާހިރުން ޤަބޫލުކުރެއެވެ. ދެ ކޮރެޔާގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން އުތުރު ކޮރެޔާގެ ނިއުކްލިއަރ މަޝްރޫޢު ހުއްޓާލުމަށް ކުރަމުންދިޔަ މަސައްކަތަށް ބުރޫއަރާނެކަމަށް ބެލެވެއެވެ. ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެޔާގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުން އުތުރު ކޮރެޔާވަނީ ގޮތް ހުސްވެފައެވެ.