ޚަބަރު

8 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހިއްޖެ، ދުވާލަކު 100،000 މީހުންނަށް ބަލި ޖެހޭ


ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 8 މިލިޔަނަށްވުރެ އިތުރުވެއްޖެއެވެ.

ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެމެރިކާއާއި މެދުތެރޭ އެމެރިކާގެ ޤައުމުތަކުގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ. ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގައި ބަލި ފެތުރޭ މިންވަރު ދަށްވެފައި އޮތުމަށްފަހު އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ދެވަނަ ފަހަރަށް ދަނީ ބަލި ފެތުރެމުންނެވެ.

ބަލި ޖެހިފައިވާ މީހުންގެ 25 އިންސައްތަ ނުވަތަ 2 މިލިޔަނެއްހާ މީހުން ފެނިފައިވަނީ އެމެރިކާއިންނެވެ. ނަމަވެސް އެމެރިކާއަށްވުރެ ހަލުވިކޮށް ބަލި ފެތުރެނީ މެދުތެރޭ އެމެރިކާގެ ޤައުމުތަކުގައެވެ. އެ ސަރަޙައްދުގައި ބަލި ޖެހިފައިވާ މީހުންގެ ޢަދަދުވަނީ 21 އިންސައްތައަށް އިތުރުވެފައެވެ. އެ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ޙާލަތު އެންމެ ގޯސްވެފައިވަނީ ބްރެޒިލުގައެވެ.

ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ފެނިފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާއިންނެވެ. އޭގެ ފަހުން ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 4 މިލިޔަނަށް އަރަން ނެގީ 4 މަސް ދުވަހެވެ. ނަމަވެސް 4 މިލިޔަނުން 8 މިލިޔަނަށް ބަލިޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވާން ނެގީ އެންމެ 5 ހަފުތާއެވެ. ޖުމްލަ 434،000 މީހުން ބަލީގައި މަރުވެ، ފާއިތުވި 7 ހަފުތާގެ ތެރޭގައި މަރުވި މީހުންގެ ޢަދަދު ވަނީ ދެ ގުނައަށް އިތުރުވެފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނީ ފާއިތުވި 2 ހަފުތާގެ ތެރޭގައި ދުވާލެއްގެ މައްޗަށް 100،000 މީހުންނަށް ކޯވިޑް-19 ޖެހޭކަމަށެވެ. ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރުނު ޗައިނާގައި ދެވަނަ ފަހަރަށް ބަލި ފެތުރެމުންދާތީ ޑަބްލިއުއެޗުއޯއިންވަނީ ބަލީގެ ނުރައްކާ އަނެއްކާވެސް ބޮޑުވެދާނެކަމުގެ އިންޒާރު ދީފައެވެ.