ޚަބަރު

ތިން ފުލުހަކު ވަޒީފާއިން ވަކިކުރީ، ހައްޔަރުކުރި މީހަކަށް އަނިޔާކުރި މައްސަލައިގައި


ތިން ފުލުހަކު ވަޒީފާއިން ވަކިކޮށް އިތުރު ފުލުހެއްގެ މަޤާމު ދަށްކުރީ، ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ މީހަކަށް އަނިޔާކުރި މައްސަލައެއްގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ 4 ފުލުހުންނާމެދު ފިޔަވަޅުއެޅުމަށް ނިންމާފައިވަނީ، 2019 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 5 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހޯދަމުން ދިޔަ މީހަކު، މަސްވެރިންގެ ޕާކު ސަރަޙައްދުގައި ހުރި ސައިލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުޙުމަތުކުރެވިގެން ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމަށްފަހު، އެމީހާއަށް އަނިޔާކުރި މައްސަލައާ ގުޅިގެންނެވެ. ފުލުހުން ބުނެފައިވަނީ މި މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމަށްފަހު އެމީހާއަށް އަނިޔާކޮށް، އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތައް ކޮށްފައިވާކަމަށް ހުށައެޅި މައްސަލައަކާއި ގުޅިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން ކުރިއަށްގެންދިޔަ އިންޓަރނަލް ތަޙްޤީގަކަށްފަހު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށައެޅުމުން އެބޯޑުން މި ފިޔަވަޅުތައް އެޅުމަށް ނިންމީކަމަށެވެ.

ބޯޑުން ނިންމާފައިވަނީ މައްސަލައިގައި ތުހުމަތުކުރެވޭ 4 ފުލުުންގެ ތެރެއިން 3 ފުލުހުން ވަޒީފާއިން ވަކިކުރުމަށާއި އަދި 1 ފުލުހަކު މަޤާމު ދަށްކުރުމަށެވެ. އަދި ބޯޑުން ނިންމި ނިންމުން އިސްތިއުނާފް ކުރުމަށް 7 ދުވަހުގެ މުޙުލަތެއްވަނީ ދީފައެވެ.

ތިން ފުލުހަކު މަޤާމުން ވަކިކޮށް އިތުރު ފުލުހެއްގެ މަޤާމު ދަށްކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސްވަނީ ވިދާޅުވެފައެވެ. ސީޕީގެ ޓުވީޓުގައި ވަނީ މިއީ ފުލުހުންގެ މުއައްސަސާ އިސްލާޙުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއްކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ އިސްލާޙުކުރުމަކީ ކުރެވޭނެކަމެއްކަމަށް ޤަބޫލުކުރައްވާކަމަށާއި އެއިދާރާ އިސްލާޙުކުރެވުމަށް ޚިޔާރުކުރަން ޖެހެނީ ތަހުޒީބުކަމާއި ރީތި އަޚުލާގުގެތެރެއިން ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އަދި ދަށްކޮށްލުމާއި މަލާމާތްކުރުމަކީ ބޭކާރު ބޭނުން ނެތްކަމެއްގެ ގޮތުގައި ސީޕީ ޙަމީދު ފާހަގަކުރެއްވިއެވެ.

ފުލުހުންގެ އިދާރާ އިސްލާޙުކުރުމަށް ގިނަބަޔަކު ގޮވަމުންދާ މިދަނޑިވަޅުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި ތިއްބެވި 34 އިންސައްތަ ފުލުހުންނަކީ ތަޢުލީމީ ފެންވަރުގައި އޭލެވެލްއަށްވުރެ މަތީ ފާސް އޮތްބައެއްކަމަށާއި އަދި ފުލުހުންގެ މުވައްސަސާގައި މަސައްކަތްކުރައްވާ 220 ފުލުހުންނަކީ ޕޯސްޓް ގްރެޖުއޭޓް ޑިގްރީ އޮންނަ ބައެއްކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ރަނގަޅު ގޮތުގައި ފުލުހުންގެ ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރަކީ ވަޒީފާގައި ތިބެގެން ދަސްކުރާ ކަންކަންކަމަށެވެ.

ފުލުހުންގެ މުއައްސަސާގެ ތެރެއިން އެމުއައްސަސާ އިސްލާޙުކުރުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި ފުލުހުން ވިދާޅުވަމުންގެންދަވާއިރު ރައްޔިތުންގެ މަޖްލީހުގައި އޮތް ފުލުހުންގެ ބިލަށް ބަހުސް ކުރެއްވުމުގައި ބައެއް މެމްބަރުން ވަނީ ފުލުހުންނަށާއި ފުލުހުންގެ އިދާރައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.