ފުލުހުންގެ 3 މީހަކު މަޤާމުން ވަކިކޮށް އިތުރު ފުލުހެއްގެ މަޤާމު ދަށްކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހަތަރު ފުލުހުންނާއި މެދު ފިޔަވަޅު އަޅާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ފަސްވަނަ ދުވަހު ޢާއްމުންގެ މީހަކާއިމެދު މާރާމާރީ ހިންގި މައްސަލައެއްގައި ކަމަށެވެ. ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެމައްސަލަ ބެލުމަށްފަހު 3 ފުލުހުން ވަޒީފާއިން ވަކިކޮށް އެއްފުލުހެއްގެ މަޤާމު ދަށްކޮށްފައވިވާކަމަށް ސީޕީ ވިދާޅުވެފައެވެ. ސީޕީގެ ޓުވީޓުގައި ވަނީ މިއީ ފުލުހުންގެ މުއައްސަސާ އިސްލާޙުކުރުމަށް ކުރަމުންދާ މަސައްކަތްތުގެ ތެރެއިން ބައެއްކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ އިސްލާޙުކުރުމަކީ ކުރެވޭނެކަމެއްކަމަށް ޤަބޫލުކުރައްވާކަމަށާއި އެއިދާރާ އިސްލާޙުކުރެވުމަށް ޚިޔާރުކުރަން ޖެހެނީ ތަހުޒީބުކަމާއި ރީތި އަޚުލާގު ގެތެރެއިންކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އަދި ދަށްކޮށްލުމާއި މަލާމާތްކުރުމަކީ ބޭކާރު ބޭނުން ނެތްކަމެއްގެ ގޮތުގައި ސީޕީ ޙަމީދު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ އިދާރާ އިސްލާޙުކުރުމަށް ގިނަބަޔަކު ގޮވަމުންދާ މިދަނޑިވަޅުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި ތިއްބެވި 34 އިންސައްތަ ފުލުހުންނަކީ ތަޢުލީމީ ފެންވަރުގައި އޭލެވެލްއަށްވުރެ މަތީ ފާސް އޮތްބައެއްކަމަށާއި އަދި ފުލުހުންގެ މުވައްސަސާގައި މަސައްކަތްކުރައްވާ 220 ފުލުހުންނަކީ ޕޯސްޓް ގްރެޖުއޭޓް ޑިގްރީ އޮންނަ ބައެއްކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ރަނގަޅު ގޮތުންގައި ފުލުހުންގެ ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރަކީ ވަޒީފާގައި ތިބެގެން ދަސްކުރާ ކަންކަންކަމަށެވެ.
ފުލުހުންގެ މުއައްސަސާގެ ތެރެއިން އެމުއައްސަސާ އިސްލާޙުކުރުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި ފުލުހުން ވިދާޅުވަމުންގެންދަވާއިރު ރައްޔިތުންގެ މަޖްލީހުގައި އޮތް ފުލުހުންގެ ބިލަށް ބަހުސް ކުރެއްވުމުގައި ބައެއް މެމްބަރުން ވަނީ ފުލުހުންނަށާއި ފުލުހުންގެ އިދާރައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.