ޚަބަރު

ހުޅުމާލޭ ޑިޕްލޮމެޓިކް އެންކްލޭވްއިން ޕާކިސްތާން ހައިކޮމިޝަނަށް ބިން ދީފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވްގައި ޑިޕްލޮމެޓިކް މިޝަން ޤާއިމްކުރުމަށް ރާއްޖޭގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކޮށްފިއެވެ.

ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކޮށްފައިވަނީ ވަރޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕާކިސްތާން ހައިކޮމިޝަނަށް ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއެވެ. ލިޔުމާ ހަވާލުވެވަޑައިގެންނެވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ޑެޒިގްނޭޓް އާތަރް މުޚްތާރުއެވެ.

ފޮރިން މިނިސްޓްރީއިން ކުރި ޓުވީޓް

ކުރީ ސަރުކާރުން ޕާކިސްތާނަށް ހައިކޮމިޝަން ޤާއިމްކުރުމަށް 3000 އަކަފޫޓުގެ ބިމެއް ދިނުމަށް ނިންމާފައިވީނަމަވެސް، މިސަރުކާރުންން އޭގެ ބަދަލުގައި ޕާކިސްތާނަށް ދީފައިވަނީ 12000 އަކަފޫޓުގެ ބިމެކެވެ. އަދި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ޑިޕްލޮމެޓިކް އެންކްލޭވްގެ މެދުތެރެއިން ދެގުނަ ބޮޑު ބިމެއް ރާއްޖެއަށް ދޭނެކަމަށް ޕާކިސްތާން ސަފީރު މިއަދު ވަނީ ވިދާޅުވެފައެވެ.

މާލޭގައި ޤާއިމްކޮށްފައި ހުރި ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުމާލެއަށް ބަދަލުކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް އެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނާއި، ޑިޕްލޮމެޓިކް މިޝަންތަކަށް ރައްކާތެރިކަން ދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް ފަސޭހަކުރުމުގެ ގޮތުންނެވެ.