ޚަބަރު

ކުރީގެ ރައީސް މައުމޫން އަބްދުއްޤައްޔޫމް މިސްރަށް ފުރާވަޑައިގެންފި


ބައިނަލްއަޤްވާމީ
އިސްލާމީ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން
އަބްދުއް ޤައްޔޫމް މިސްރަށް މިއަދު ފުރާވަޑައިގެންފިއެވެ.



ރައީސް މައުމޫންގެ އޮފީހުންބުނީ މިސްރުގެ
މުފްތީ ފަޟީލަތުއްޝައިޚް ޑޮކްޓަރ ޝައުޤީ އިބްރާހީމް ޢައްލާމް ދެއްވާފައިވާ
ދަޢުވަތަކަށް ރައީސް މައުމޫން ކުރައްވާ މި ދަތުރުފުޅުގައި އެ ޖަލްސާގައި
ބައިވެރިވެވަޑައިގެން ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.



މިސްރުގެ
އިސްލާމީ ފަތުވާ ދޭ މަރްކަޒު ދާރުލްއިފްތާއިން އިންތިޒާމް ކޮށްގެން މި މަހުގެ 17
ން 18 އަށް މިސުރުގެ ވެރިރަށް ޤާހިރާގައި، ދީނީ ހައްދުފަހަނައެޅުންތަކާ ދެކޮޅަށް
ބާއްވާ ބައިނަލްއަޤްވާމީ މި ފަތުވާ ކޮންފަރެންސެއްގައި  ދުނިޔޭގެ ފަންސާހަށްވުރެ ގިނަ ޤައުމުތަކުގެ
މަންދޫބުންނާއި ގިނަ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވެއެވެ.



 މީގެ އިތުރުން ރައީސް މައުމޫންގެ
މިދަތުރުފުޅުގައި މިމަހުގެ 18 ވަނަ ދުވަހު މިސްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް ސީސީގެ
އަރިހަށް، އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާގޮތަށްވެސް ހަމަޖެހިފައިވާކަމަށް ރައީސް މައުމޫންގެ އޮފީހުން ބުނެއެވެ.