ޚަބަރު

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެއިން 6 ކިލޯއަށްވުރެގިނަ ކެނަބިސް އަތުލައިގެންފި


ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއް ހޯދައި 6 ކިލޯއަށްވުރެގިނަ ކެނަބިސް އަތުލައިގެންފިއެވެ.

މިކަން ހާމަކޮށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރެއިން ފެށިގެން ފުލުހުން ހިންގި ކާމިޔާބު އޮޕަރޭޝަންގައި މަސްތުވާތަކެތިގެ ބާވަތެއް ކަމަށްވާ، 6.8 ކިލޯގެ ކެނަބިސް އަތުލައިގެންފައިވާކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، އޭގެތެރެއިން 2 މީހެއްގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކޯޓުން ދީފައިވާކަމަށް ފުލުހުން ވިދާޅުވި. ތިންވަނަ މީހާ ދޫކޮށްލާފައިވަނީ އޭނާ ދިރިއުޅޭގެ ބަލާ ފާސްކުރިއިރު މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްވެސް އެއްޗެއް ފެނިފައިނުވާތީކަމަށް ފުލުހުން ވިދާޅުވިއެއެވެ.

މި އޮޕަރޭޝަންގައި އަތުލައިގަތް މި މަސްތުވާތަކެތީގެ މަގުމަތީއަގު 5.6 މިލިޔަން ރުފިޔާއަށް އަރާކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ކޯވިޑް-19ގެ މިހާލަތުގެ ތެރޭގައިވެސް ފުލުހުން ގެންދަނީ މަަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކާއި އަމާން ވެއްޓެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރަމުންނެވެ.