ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިނގިރޭސިވިލާތުގައި އިޢުލާނުކޮށްފައިވާ ފުރަބަންދަށް އިތުރު ލުއިތަކެއް ނުދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯގެ ސަރަޙައްދީ ޑިރެކްޓަރު ހަންސް ކުލޫގާ އިލްޠިމާސްކުރައްވައިފިއެވެ.
އިނގިރޭސިވިލާތުގައި އަޅާފައިވާ ބައެއް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޖުލައި 4ވަނަ ދުވަހު ލުއިތަކެއް ދިނުމަށް އެ ޤައުމުގެ ސަރުކާރުންވަނީ ނިންމައިފައެވެ. ފިޔަވަޅުތައް އުވާލުމުގެ އައު މަރުހަލާގައި 2 މީޓަރުގެ ދުރުމިނުގައި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށް އަންގާފައިވާ އެންގުމަށް ބަދަލު ގެނައުމަށްދަނީ މަޝްވަރާކުރަމުންނެވެ.
އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ކުލޫގާ ވިދާޅުވީ އިނގިރޭސިވިލާތުގައި އަދިވެސް ހަލުވިކަމާއެކު ބަލި ފެތުރެމުންދާކަމަށާއި ސަރުކާރުން ބޭނުންކުރާ ކޮންޓެކްޓް ޓްރޭސިންގެ ނިޒާމަކީ ޙަރުދަނާ ނިޒާމެއްކަން ޔަޤީންވަންދެން ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއި ދިނުން ބުއްދިވެރި ނޫންކަމަށެވެ. އަދި އަވަސް އަރުވާލައިގެން ޤައުމުގެ އިޤްތިޞާދު ނުހުޅުވުމަށް އޭނާ ނަޞޭހަތްތެރިވެވަޑައިގެންނެވިއެވެ.
އިނގިރޭސިވިލާތުގެ ކޮންޓެކްޓް ޓްރޭސިންގެ ނިޒާމު ބޭނުންކުރި ފުރަތަމަ ހަފުތާގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންނާ ކޮންމެވެސް ގޮތަކުން ބައްދަލުވެފައިވާ 32،000 މީހުންވަނީ ދެނެގަނެވިފައެވެ. ކޮންޓެކްޓް ޓްރޭސިންގެ ނިޒާމަކީ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދެވޭނެ އެންމެ މުހިންމު ވަޞީލަތްކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ޤަބޫލުކުރެއެވެ. ނަމަވެސް އެ ނިޒާމަކީ އެންމެ ހަރުދަނާ ނިޒާމެއް ނޫންކަމަށާއި ރަނގަޅުކުރެވޭނެ ގިނަ އުޞޫލުތަކެއް ހުރިކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އެއްބަސްވެއެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިނގިރޭސިވިލާތުގެ ސަރުކަރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން އެ ޤައުމުގެ ސަރުކާރަށްވަނީ ބޮޑެތި ފާޑުކިޔުންތަކެއް ޢަމާޒުވެފައެވެ. އެ ޤައުމުގައި 295،889 މީހުންނަށް ކޯވިޑް-19 ޖެހި، 41،698 މީހުންވަނީ މަރުވެފައެވެ.