ޚަބަރު

އަފްޣާނިސްތާނުގައި އަނެއްކާވެސް ޕޯލިއޯ ފެތުރެނީ


ޕޯލިއޯ ނައްތާލެވިފައިވާ އަފްޣާނިސްތާނުގެ ބައެއް ސަރަޙައްދުތަކުން އަނެއްކާވެސް އެ ބަލި ފެނިއްޖެއެވެ. ޕޯލިއޯ ނައްތާލުމުގެ މަސައްކަތްކުރާ ޕޯލިއޯ އިރެޑިކޭޝަން ޕްރޮގްރާމުން ބުނީ ފާއިތުވި 5 އަހަރުގެ ތެރޭގައި އެއްވެސް ވަރަކަށް ޕޯލިއޯ ފެނިފައިނުވާ އަފްޣާނިސްތާނުގެ 3 ޕްރޮވިންސަކުން އެ ބަލި ފެނިފައިވާކަމަށެވެ.

2019ވަނަ އަހަރަށްވުރެ މި އަހަރު އަފްޣާނިސްތާނުގައި ޕޯލިއޯ ޖެހުނު މީހުންގެ ޢަދަދު މަދެވެ. މިދިޔަ އަހަރު ބަލި ޖެހިފައިވަނީ 26 މީހުންނަށެވެ. މި އަހަރުގެ މިހާތަނަށް ބަލި ޖެހިފައިވަނީ 14 މީހުންނަށެވެ. ބަލި ޖެހިފައިވާ މީހުންގެ ޢަދަދު ދަށްވިނަމަވެސް ބަލި ފެނިފައިވާ ސަރަޙައްދުތަކުގެ ސަބަބުންވަނީ ކަންބޮޑުވުން އިތުރުވެފައެވެ.

ޕޯލިއޯ އިރެޑިކޭޝަން ޕްރޮގްރާމުގެ ތަރުޖަމާނެއްކަމަށްވާ ޖާން ރާސެޚު ވިދާޅުވީ ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތުން އަފްޣާނިސްތާނުގައި ބަލި ފެތުރޭ ސަރަޙައްދުތައް މަދުކުރެވިފައިވާކަމަށެވެ. ނަމަވެސް، އަފްޣާނިސްތާނުގެ ދެކުނާއި ދެކުނުއިރުމަތީ ސަރަޙައްދަތަކުންނާއި މީގެ ކުރިން ޕޯލިއޯ ނައްތާލެވިފައިވާ ސަރަޙައްދުތަކުންވެސް ބަލި ފެންނަން ފެށުމުން މުޅި ޤައުމަށް ބަލީގެ ނުރައްކާ ބޮޑުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޕޯލިއޯއާ ދެކޮޅަށް ވެކްސިން ދިނުމަކީ އަފްޣާނިސްތާނުގެ ސަރުކާރުގެ ސިޔާސަތެކެވެ. ޕޯލިއޯ ވެކްސިން ދިނުމަށް އަފްޣާނިސްތާނުގައި އަހަރެއްގެ ތެރޭގައި 10 ވަރަކަށް ޙަރަކާތް އާންމުކޮށް ކުރިއަށް ގެންދެއެވެ. ނަމަވެސް ކޯވިޑް-19 ފެތުރެން ފެށުމުގެ ކުރިން ބޭއްވީ އެފަދަ 2 ޙަރަކާތެވެ. ޖުލައި މަހުގެ ތެރޭގައި އެ ޙަރަކާތްތައް އަލުން ފެށުމަށް އުންމީދުކުރައްވާކަމަށް ރަސޭޚު ވިދާޅުވިއެވެ.

އދގެ ކުޑަކުދިންނަށް އެހީވާ އިދާރާ، ޔުނިސެފުން ބުނީ ކޯވިޑް-19 ފެތުރުމުގެ ސަބަބުން ޕޯލިއޯ ނައްތާލަން ގިނަ ޢަދަދެއްގެ ޤައުމުތަކެއްގައި ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާކަމަށާއި ހިމަބިއްސާ ދެކޮޅަށް ވެކްސިން ދިނުމުގެ ޙަރަކާތްތައް 27 ޤައުމުގައި ހުއްޓުމަކަށް އައިސްފައިވާކަމަށެވެ.

އަފްޣާނިސްތާނުގައި 24،500 މީހުންނަށް ކޯވިޑް-19 ޖެހި، 471 މީހުންވަނީ މަރުވެފައެވެ. އަފްޣާނިސްތާނުގައި ކޯވިޑް-19އަށް ތަހުލީލުކުރުމުގެ ޤާބިލުކަން ކުޑަވުމުގެ ސަބަބުން އެ ޤައުމުގައި މަރުވާ މީހުންގެ އަސްލު ޢަދަދު އެއަށްވުރެ އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ޤަބޫލުކުރެއެވެ.