ކުޅިވަރު

ރާއްޖޭގެ މީޑިއާތަކުގެ ކުޅިވަރު ޓީމަށްވެސް ތަފާތު ތަޖުރިބާއެއް


އެއްވެސް އިވެންޓެއް ވަގުތުން ބަލާލުމުގެ ފުރުޞަތު ނުލިބުނު ނަމަވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ އެންމެ ބޮޑު މީޑިއާ ޓީމެއް ބައިވެރިވި ގޭމްސްއެވެ. އެންމެ ގިނަ މީޑިއާތައް ތަމްޘީލްކޮށް، އެންމެ ރަނގަޅު ކަވަރޭޖެއް ވަގުތުން ގެނެސްދިން ގޭމްސްއެވެ. ފަސް މީޑިއާއެއްގެ އިތުރުން 5 ފޮޓޯ ގްރާފަރުންނާއެކު މިޓީމްގައި ސޯޅަ މީހުން މަސައްކަތްކުރިއެވެ. އޭގެ ތެރޭގައި ސީދާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހުރިހާ ޚަރަދެއް ކޮށްގެން ގެންދިޔަ އޮލިމްޕިކް ކޮމިޓީގެ މީޑިއާ ޓީމް ހިމެނެއެވެ. އެންމެ ބޮޑު ޓީމެއް ބައިވެރިވީ ޕަބްލިކް ސަރވިސް މީޑިއާއިންނެވެ. ޕަބްލިކް ސަރވިސް މީޑިއާގެ 6 މެމްބަރުން ޓީމްގައި މަސައްކަތްކުރިއެވެ. އޭގެ ތެރޭގައި ދެ ކެމެރާމަނުންނާއި ޓެކްނީޝަނެއް ހިމެނެއެވެ.އެޓީމްގެ އިތުރުން މަސައްކަތްކުރި މީޑިއާގެ އެހެން ބޭފުޅުންވެސް މަސައްކަތްކުރީ އޮލިމްޕިކް ކޮމިޓީގެ މީޑީއާގެ ގޮތުގައި އެޓީމްގައި ހިމެނި، އޮލިމްޕިކް ކޮމިޓީގެ ދިދައިގެ ދަށުގައެވެ. މިއީ މިހާތަނަށް ޓީމެއްގެ ގޮތުގައި މީޑިއާ ޓީމް މަސައްކަތްކުރި ފުރަތަމަ ކަވަރޭޖެވެ. އިވެންޓްތައް ކަވަރުކުރީ އެކި މީހުން އެކި އިވެންޓްތަކަށް ބަހައިގެން، އެމައުލޫތާއި މަންޒަރާއި ފޮޓޯ ޙިއްޞާ ކުރާގޮތަށެވެ. މީޑިއާ ޓީމްގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ޝިމާޒް އަލީ ވިދާޅުވީ މިއީ މުޅިން ތަފާތު ތަޖުރިބާއެއްކަމަށާއި، ކުރިއަށް ހުރި ގޭމްސްތަކަށް ރަނގަޅު ތަޖުރިބާތަކެއް ކުރެވިއްޖެކަމަށެވެ. " މިއީ މީގެކުރިން ކުޅިވަރުގައި މިއުޅޭ ނޫސްވެރިންވެސް ކޮށްފައޮތްކަމެއްނޫން. ވަރަށް ބޮޑު ތަޖުރިބާއެއް ލިބިގެން މިދިޔައީ. ޓީމެއްގެ ގޮތުގައި އެންމެން ގުޅިގެން ވަރަށް ރަނގަޅު މާހައުލެއްގައި މަސައްކަތްކޮށްލަން، ދެން އަޅުގަނޑު ދަންނަވާނީ ކުރިއަށް ހުރި މުބާރާތްތަކަށް މިގޮތަށް ޓީމެއްގެ ގޮތުގައި ދަތުރުކުރާއިރު ހަމަ ވަރަށް ރަނގަޅު ތަޖުރިބާއެއް މިފަހަރު މިދަތުރުން ލިބިގެން ގޮސްފައޭވަނީ." ޝިމާޒް ވިދާޅުވިއެވެ.އޮންލައިން ނޫސްތަކާއި، ޓީވީ ޗެނަލްތައްވެސް އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް އެކަމުގެ މާބޮޑު އުނދަގޫތަކެއް ކުރިމަތިނުވެ ނިންމާލެވުނު މިގޭމްސްގެ ކަވަރޭޖް ހަވީރު ނޫހުގެ މުޙައްމަދު ހަމްދޫން ސިފަކުރަނީ މުޅިން ތަފާތު ތަޖުރިބާއެއްގެ ގޮތުގައެވެ." މިއީ އަޞްލު ގިނަ މީޑިއާތަކެއް ބައިވެރިވުމުގެ އިތުރަށް އެންމެ ގިނަ ކުޅިވަރުން ރާއްޖެ ބައިވެރިވި ގޭމްސް. އެހެންވީމާ މިގޭމްސް ކަވަރުކުރުން އެހެން ގޭމްސްތަކަށްވުރެ ތަފާތުވާނެ. އެއީ އެއް އިވެންޓެއް އެއް ދުވަހެއްގެ އެއް ގަޑީގައި އޮތީމަ. އެހެންވީމަ އެންމެން ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ތަޖުރިބާ ލިބިއްޖެ. ދެން ކުރިއަށް އޮތް ތާނގައި މީޑިއާތައް ވަކިވަކިން އައިސްސަވެސް އެއްތަނެއްގަ މިގޮތަށް ގިނަ ކުޅިވަރުތައް އޮންނަ ގޭމްސްއެއްގައި މަސައްކަތް ކުރަން ވަރަށް ރަނގަޅު ތަޖުރިބާއެއް ލިބިއްޖެ މިދަތުރުން. " ހަމްދޫން ވިދާޅުވިއެވެ.ދާދިފަހުން ވުޖޫދަށް އައި ސަންގު ޓީވީގެ ޝާހުއަށް މިއީ އޭނާގެ ފުރަތަމަ ތަޖުރިބާއެވެ. ޤައުމުން ބޭރުގައި ކުޅިވަރު ރިޕޯޓަރެއްގެ ގޮތުގައި ކުރި ފުރަތަމަ ތަޖުރިބާ އޭނާ ސިފަ ކުރަނީ ފިލާވަޅުތަކެއް ލިއްބައިދިން، ކަންތައްތަކެއް ދަސްވެގެންދިޔަ މުޙިންމު ދަތުރެއްގެ ގޮތުގައެވެ." ހަޤީޤަތުގައިވެސް ވަރަށް ބޮޑު ތަޖުރިބާއެއް އަޅުގަނޑަށް މިލިބިގެން ދިޔައީ. ފުރަތަމަ ގޭމްސް މިއީ ހަމަ އަޅުގަނޑު ޤައުމުން ބޭރުގައި ކުރި. ދެން ކުޅިވަރުގެ ނޫސްވެރިކަމުގެ ދާއިރާގައި އަޅުގަނޑު ހޭދަކުރި މަދު ދުވަސްތަކުގައި މިގޭމްސްއިން އަޅުގަނޑަށް ވަރަށް ބޮޑު ތަޖުރިބާތަކެއް ލިބިގެންދިޔަ. އަދި ކުރިއަށް އޮތްތާނގައި އިތުރު ގޭމްސްތަކަސް ދިއުމަށް ވަރަށް ބޮޑު ހިތްވަރެއް މިލިބިގެންދިޔައީ. ދެން މި މީޑިޔާ ޓީމަށް ބަލާލާއިރު ރާއްޖޭގެ ހަމަ ތަޖުރިބާކާރު މީޑިއާ ޓީމެއް މިއީ. ދެން މިމީޑިއާ ޓީމާއެކު އަޅުގަނޑު މަސައްކަތްކުރި ދުވަސްތަކުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަ. މިކާމިޔާބު ގޭމްސްގެ ޓީމްގައި ބައިވެރިވެވުނީތީ ފަޚްރުވެރިވަން." ޝާހު ފާހަގަކުރެއްވިއެވެ.ޕީއެސްއެމްގެ ޓީމް ނެގުމަށްފަހު އެންމެ ގިނަ މީހުން ބައިވެރިވީ ރާއްޖެ ޓީވީއިންނެވެ. އެތަނުން ކެމެރާމަނަކާއި އެކު ދެމީހުން ބައިވެރިވެ މަސައްކަތްތަކެއްކުރިއެވެ. ރާއްޖެ ޓީވީގެ ސްޕޯރޓްސް ހެޑް ހުސެއިން ފަރިޔާޒް ވިދާޅުވީ އޭނާއަށްވެސް މިދަތުރަކީ މުޅިން ތަފާތުި ތަޖުރިބާއެއްކަމަށެވެ. ފަރިޔާޒް ވަނީ މީގެކުރިންވެސް ބޮޑަތި ބައެއް މުބާރާތްތައްކާއި ގޭމްސްތައް ކަވަރުކޮށްފައެވެ." ވަރަށްގިނަ ގޭމްސްތަކެއް ކަވަރުކުރުމުގެ ފުރުޞަތު މިހާތަނަށް ލިބިފައިވަނީ. ދެން ރާއްޖެއިން ރެކޯޑް އަދަދަކަށް ކޮންޓިންޖެންޓެއް ބައިވެރިވި ގޭމްސްއެއް ކަވަރުކުރުމުގެ ފުރުޞަތު ލިބުމަކީ އަޅުގަނޑުގެ ނޫސްވެރިކަމުގެ ދާއިރާގައިވެސް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުޞަތެއް ގޮތަށް ދެކެނީ. ދެން މިހާތަނަށް އެންމެ ގިނަ މީޑިއާ މީހުންނައެކީ ވޯރކް ކުރަން ލިބުނީވެސް މިފަހަރު. ވަރަށް ރަނގަޅު ތަޖުރިބާއެއް، ދެން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނުކަމަށް ޤަބޫލުކުރަނީ، އެންމެހާ މައުލޫމާތުތައް ދިވެހިންނަށް ގެނެސްދިނުމަށްޓަކައި." ފަރިޔާޒް ވިދާޅުވިއެވެ.ރާއްޖޭގެ ފަސް ފޮޓޯ ގްރާފަރުން އެއް ގޭމްސްއެއްގައި މަސައްކަތްކޮށް ފޮޓޯ ޙިއްޞާކުރަމުންދިޔައީ ވާދަވެރި އެހެން ނަމަވެސް އެކުވެރި މާހައުލެއްގައެވެ. ވަގުތުން ވަގުތަށް ފޮޓޯތައް ދިޔައީ ޙިއްޞާކުރަމުންނެވެ. ފޮޓޯ ގްރާފަރުންގެ ތެރެއިން އެންމެ ދޮށީ ފޮޓޯ ގްރާފަރ އިބްރާހީމް ފާއިދުއަށްވެސް މިއީ އާ ތަޖުރިބާއެކެވެ." ޤައުމުން ބޭރުގައި ކިވަރުގެ ބޮޑު މުބާރާތެއްގައި ފުރުޞަތު ލިބުނީމަ ދެން ވަރަށް ޗެލެންޖިންގ ކަމަކަށްވީ. އަނެއްހެން ވަރަށް ސަޅި ޗާންސް. މިކަހަލަ މުބާރާތަކީ ބައިވަރު އެކި ފާޑު ފާޑު ކުޅިވަރު ކުޅޭ މުބާރާތެއް. އެހެންވީމަ ވާގޮތަކީ އިވެންޓެއްގެ ގޮތުން ނަގަން ޖެހޭ ކުޅިވަރެއްގެ ގޮތުން، ދެން އިންޑޯ އައުޓްޑޯގައި މިކުޅެނީ، އެހެންވީމަ އެތަފާތު މިއަންނަނީ. އިންޑޯ އައުޓްޑޯއަށް ތައްޔާރުވެލަންޖެހޭ ތަންކޮޅު. އަނެއްހެން މާކަބޮޑު ތައްޔާރުތަކެއް ވާކަށް ނުޖެހޭ." ފާއިދު ފާހަގަކުރެއްވިއެވެ.މީޑިއޤާ ޓީމްގެ އެންމެ ހަގު މެމްބަރަކީ ހޫދު ސާމީއެވެ. ވިހި އަހަރުގެ ހޫދު ސާމީ ވެގެންދިޔައީ ދަތުރުގެ ހީރޯއަށެވެ. އުމުރުން ހަގުވުމާއި، ރާއްޖެއިން ބޭރަށް އޭނާ ކުރި ފުރަތަމަ ދަތުރަށްވުމުން އެހެން ހުރިހާ ނޫސްވެރިންނާއި ފޮޓޯ ގްރާފަރުންވެސް ހޫދަށް ޚާއްޞަކަމެއް ބެހެއްޓިއެވެ. ދަތުރަށް އާނަމަވެސް ހޫދު ފެނުނީ އެހެން ހުރިހާ އެންމެންނަށްވުރެވެސް ފަރިތަ ނޫސްވެރިއެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ފަރިތަކަން ފެނުނީ ޤައުމަށް ހޭނުމާއި ދަތުރު ފަތުރުކުރުމާއި، ހިނގުމުގައި ހުރި ހަލުވިކަމުންނެވެ. އޭނާގެ ފުރަތަމަ ތަޖުރިބާއާއި މެދު ޒުވާން ނޫސްވެރިޔާ ހުރީ ހިތްހަމަ ޖެހިފައެވެ." އަޞްލު ފުރަތަމަ ތަޖުރިބާއާއި ބަލާފަ މީތި ވަރަށް ސަޅި. އެއީ ވަރަށް ބައިވަރު ކަންތައްތަކެއް އެކްސްޕިރިއަންސްކޮށްލަން ލިބުނު. ފީލްޑްގައި އަދި ވަރަށްއާ ހޫދު. ފީލްޑްގައި ވަރަށް އާ މީހަކާ ބަލާފަ ބައިވަރު ކަންތައްތައް ތަޖުރިބާކޮށްލަން ލިބުނު. އެހެންވީމަ މިއީ ހޫދުގެ ކެރިއަރަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް. މިފުރުޞަތުގައި އެމްއޯސީއަށާއި އެހެން މީޑިއާތަކުން ހޫދުއަސް ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަން." ޒުވާން ނޫސްވެރިޔާގެ ވާހަކަތަކުގައި ހުރީ ހިތްހަމަ ޖެހުމެވެ.މީޑިއާ ޓީމްގެ މަސައްކަތް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤާއި ޗެފް ޑިމިޝަން އިހުސާން އަބުދުލްޣަނީ ވެސް ވަނީ ވަރަށްބޮޑަށް ފާހަގަކުރައްވާފައެވެ. ދެބޭފުޅުންވެސް ވިދާޅުވީ ގޭމްސްގެ ކާމިޔާބީގައި މީޑިއާ ޓީމްގެ ޙިއްޞާވެސް ބޮޑުކަމަށެވެ. ޚާއްޞަކޮށް ގޭމްސްގެ ޚަބަރުތައް ވަގުތުން ވަގުތަށް ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް މީޑިއާ ޓީމުން ކުރި މަސައްކަތްތައް ފާހަގަކުރައްވާކަމަށެވެ." ދަތި އުނދަގޫތަކުގެ ތެރެއިންވެސް މީޑިއާ ޓީމް ކުރި މަސައްކަތް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން. ވަގުތުން ވަގުތަށް ޚަބަރުތައް ގެނެސްދިނުމަށް މީޑިއާ ޓީމުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރި. ޚާއްޞަކޮށް އޮލިމްޕިކް ކޮމިޓީގެ ކުޑައިގެ ދަށުގައި މަސައްކަތްކުރިކަން ފާހަގަކުރަން. ޓްރާންސްޕޯރޓް ފަދަ ކަންކަން ހަމަޖެހުމުގައި ހުރި ދަތިތަކަށް ކެތްތެރިކަމާއެކު މީޑިއާ ޓީމުން ވަނީ ބުރަކޮށް މަސައްކަތްކޮށްފައި. " މަރުޒޫޤް ވިދާޅުވިއެވެ.އެކި މީޑިއާތަކުން ބޮޑު ޓީމެއް އެކުގައި މަސައްކަތްކުރާއިރު ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުންތަކެއް ހުރި ނަަމަވެސް، އަދި ނުތަނަވަސް ވާފަހަރުތައް އައި ނަމަވެސް ދާދި އަވަހަށް އެކަން ހައްލުވެއެވެ. އަދި އެފަދަ ކަމެއްގެ ސަބަބުން އެކުވެރިކަމަށް އެއްވެސް ބުރުލެއް އަރާފައެއް ނުވެއެވެ. މުޅި ޓީމް އެނބުރިއައީ އެކުގައެވެ. އެކަތިގަނޑެއްގެ ގޮތުގައެވެ. އެކުގައި އެއްތަނެއްގައި ނިދާ، ކައިބޮއި ހެދުމަށްފަހު، މާލެ އައިސް މިހާރު މަސައްކަތްކުރަމުން އެދަނީ ވަކި މީޑިއާތަކުގައި ކުރިންވެސް މަސައްކަތްކުރަމުން ދިޔަ ވާދަވެރި މާހައުލުގައެވެ.