ޚަބަރު

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަކަށް، ނިއުމަތު ޝަފީޤް


ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް، ނިއުމަތު ޝަފީޤުގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމަށް ހުށަހެޅުއްވި ނިއުމަތު ޝަފީޤުގެ ނަން ދިރާސާކޮށް މިމަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށްވަނީ ފޮނުވާފައެވެ. ދައުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ މި ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުމަކީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތެކެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް އަމަލުކުރާކަން ބަލާ އެގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަކީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ ޒިންމާއެކެވެ.

ހަމައެހެންމެ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުމުގެ އިތުރުން ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙްޤީޤުކޮށް، މުޠާލިޢާކުރުމަކީވެސް އެ މަގާމުގެ ހުންނަ މީހެއްގެ މަސައްކަތެކެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމުގައި ހުންނަ މީހަކަށް 35000 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 25000 ރުފިޔާއެވެ. އަދި އެލަވަންސް ގޮތުގައި ކަނޑައަޅާފައިވަނީ 10000 ރުފިޔާއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މުސާރައާ އިނާޔަތް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭކަމެކެވެ.