އައިޖީއެމްއެޗަށް ބޭނުންވާ ސާމާނުތައް ހޯދަމުންދަނީ މާލިއްޔަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދާ އެއްގޮތަށްކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
އެހޮސްޕިޓަލުން މިގޮތަށް ވިދާޅުވެފައިވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފުން މެދުވެރިކޮށް ވަކި ފަރާތަކަށް ފައިދާވާގޮތަށް އިކުއިޕްމަންޓް ހޯދާކަމަށް ބުނެ މުވައްޒަފުންގެ ފޮޓޯ ޖަހައި ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރެމުންދަނިކޮށް އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.
އައިޖީއެމްއެޗުން ވިދާޅުވީ ހޮސްޕިޓަލަށް މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސްވެސް ހިމެނޭ ގޮތަށް ހޯދުމުގައި ޢަމަލުކުރަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދާ އެއްގޮތަށްކަމަށެވެ.
އަދި ދައުލަތުގެ މުއައްސަސާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ހިނގާކަމަށް ޝައްކު ކުރެވޭނަމަ އެކަމެއް ބަލާދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ކަމާބެހޭ މިނިވަން މުއައްސަސާތަކަށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އެއްވެސް މަޝްރޫޢެއް ނުވަތަ ހޮސްޕިޓަލަށް ގަންނަ އެއްޗެއް ގަތުމުގައި، އެއްވެސް ފަރާތަކަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭނަމަ އެ މައްސަލައެއް އޭސީސީ އަށް ހުށައެޅުމަށް އެ ހޮސްޕިޓަލުން އެދެއެވެ. އަދި އެއްވެސް ގޮތެއްގައި މުވައްޒަފުން ބަދުނާމުކޮށް ސޯޝަލް މީޑިއާގައި ނުފެތުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.