ޚަބަރު

ޤަވައިދާ ޚިލާފްވާ ވެހިކަލްތަކުގައި އަލުން ސްޓިކަރ ޖަހަންފަށައިފި


ގަވާއިދާއި ޚިލާފަށް
ޕާކުކުރާ އުޅަނދުތަކުގައި އަނެއްކާވެސް ސްޓިކަރ ޖަހަން ފުލުހުން ފަށައިފިއެވެ.
ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ،
ގަވާއިދާއި ޚިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކަރ ޖަހަން ފަށާފައިވަނީ
އިއްޔެކަމަށެވެ. 

އެއްގަމު ދަތުރުފަތުގެ ޤާނޫނާ ޚިލާފްވުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ މާފްކޮށްދިނުގެ އިސްލާހު މަޖިލީހަށް ހުށައެޅުއްވި ހިސާބުން ފެށިގެން އުޅަނދުތަކުގައި ސްޓިކަރ ޖެހުން ފުލުހުންވަނީ މެދުކަނޑާލާފައެވެ.  އެއިސްލާހުގައި ވާގޮތުން ޖޫރިމަނާ ފައިސާ
މާފްވާނީ، އެއިސްލާހު ރައީސް ތަސްދީގު ކުރެއްވުމުގެ ކުރިން ކޮށްފައިވާ ޖޫރިމަނާ
ފައިސާ އެކަންޏެވެ. ކުރިން ކޮށްފައިވާ ޖޫރިމަނާ ފައިސާ ދައްކަން ނުޖެހުނު ނަމަވެސް
ބިލް ތަސްދީގު ކުރެއްވި ފަހުން ޖަހާ ސްޓިކަރ ޖޫރިމަނާ ފައިސާ ދައްކަން ޖެހޭނެއެވެ.


އުޅަނދުގައި ސްޓިކަރ ޖަހައިފިނަމަ ފުރަތަމަ ފަހަރު ދައްކަންޖެހޭނީ 250 ރުފިޔާއެވެ.
އަދި ދެވަނަ ފަހަރު 500 އަދި ތިންވަނަ ފަހަރު ދައްކަންޖެހޭނީ 750 ރުފިޔާއެވެ. ސްޓިކަރ
ޖޫރިމަނާ މަޢާފްކޮށްދިން ހިސާބުން ފެށިގެން ގަވާއިދާއި ޚިލާފަށް ޕާކުކުރާ މިންވަރު
އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. 

މިމަހުގެ އެގާރަވަނަ ދުވަހު ރައީސް
ތަސްދީގު ކުރެއްވި އިސްލާހުގައި ބުނެފައިވަނީ، މިބިލް ޤާނޫނަކަށްވެ އަމަލުކުރަން ފެށުމުގެ ކުރިން ޤަވާއިދާ
ޚިލާފަށް ޕާކްކޮށްގެން ކޮށްފައިވާ ޖޫރިމަނާ ފައިސާއާއި، ސްޓިކަރއަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާއާއި،
ލައިސަންސް ހިފެހެއްޓުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ މައާފްވާނެކަމަށެވެ.