ޚަބަރު

އައުޓްޑޯ ޖިމްތައް ހެދުމަށް ބޭނުންވާ ތަކެތި ރާއްޖެ ގެނެސްފި


ރާއްޖޭގެ އެކިރަށްރަށުގައި އެޅުމަށް ހަމަޖެހިފައިވާ 61 އައުޓް ޑޯ ޖިމަށް ބޭނުންވާ ތަކެތީގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެގެނެސްފިއެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރަށްރަށުގައި ޖިމް އެޅުމަށް ބޭނުންވާ ސާމާނުތަކާއިއެކު ފުރަތަމަ ޝިޕްމެންޓް މިހާރު ރާއްޖެ ގެނެވިފައި ވާކަމަށެވެ. އަދި އަވަސް މުއްދަތެއްގައި ބާކީ ހުރި ޝިޕްމަންޓް ރާއްޖެ އަންނާނެ ކަމަށާއި ތަކެތި ހަމަވުމުން އަންނަ އޮގަސްޓް މަހުގެ ތެރޭގައި މަސައްކަތްތައް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި 61 ރަށެއްގަ އައުޓްޑޯ ޖިމް އެޅުމަށް ޔޫތު މިނިސްޓްރީން، ސްޕޯޓްސް ކޯޕަރޭޝަނާ އެކު އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި އެއްބަސްވުމުގެ އަގަކީ ގާތްގަނޑަކަށް 9 މިލިއަން ރުފިޔާ ކަމަށާއި އަދި ޖިމްތައް ހެދުމަށް ބޭނުންވާ ތަކެތި ރާއްޖެ ގެނެސް އެމަސައްކަތް މުޅިން ނިންމާލުމަށް އިތުރަށް 20 މިލިއަން ރުފިޔާ ހޭދަވާނެ ސަރުކާރުން ހާމަކުރައްވާފައި ވެއެވެ.

މި ޖިމް ތަކަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ދުޅަހެޔޮ ހަށިހެޔޮ" ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމުގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެން އިންޑިއާގެ ސަރުކާރުގެ އެހީގައި އެޅުމަށް ނިންމާފައިވާ ޖިމްތަކެކެވެ.

ޔޫތު މިނިސްޓްރީން މީގެ ކުރިންވަނީ މާލޭގައި އައުޓްޑޯ ޖިމެއް ހުޅުވާފައެވެ. އަމީނީ ސަންތުރެސްގެ ނަމުގައި ހުޅުވި މިޖިމް ހުޅުވާފައި ވަނީ އަމީނީމަގުގެ ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލް ކުރިމަތީގައި އޮންނަ ޕާކުގައެވެ.

މާލޭގެ ފަސް ސަރަހައްދެއްގައި މިފަދަ އައުޓް ޑޯ ޖިމް ގާއިމް ކުރުމަށްވަނީ ހަމަޖެހިފައެވެ.