ސިޔާސީ

މެމްބަރުން ހަމަނުވާ ޕާޓީތަކަށް ފައިސާނުދޭން ކޮމިޓީން ފާސްކޮށްފި


ދިހަ ހާސް މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް ދަޢުލަތުގެ ބަޖެޓުން ފައިސާ
ނުދޭގޮތަށް،
ސިޔާސީ ޕާޓީތަކާއި ބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙުގެ މިނިވަން
މުޢައްސަސާތަކާއި ބެހޭ ކޮމިޓިން ފާސްކޮށްފިއެވެ. މިއިސްލާހު ފާސްވީ ކޮމިޓީގެ
ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. އަދި މިރިޕޯޓް މިހާރު
ވަނީ މަޖިލީހުގެ ތަލުމަށް ފޮނުވާފައެވެ. 

ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ
މެމްބަރު އަޙްމަދު އަޒްހާން ފަހުމީ ހުށައެޅުއްވި، އިސްލާހުގައި
ބުނެފައިވަނީ، ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ލިބޭނީ އިލެކްޝަންސް
ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ދިހަ ހާސް މެމްބަރުން
ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަނި ކަމަށެވެ. އަދި  ގާނޫނަށް އަމަލު ކުރަން ފަށާ އިރު ތިންހާސް
މެމްބަރުން ހަމަނުވާ ޕާޓީތަކަށް އެއަދަދަށް މީހުން ހަމަކުރުމަށް ތިން މަސް ދުވަހުގެ
މުއްދަތެއް ދެވޭނެ ކަމަށާއި، ތިންހާސް މީހުންގެ ސޮއި ހޯދުމުން ސިޔާސީ ޕާޓީއެއް
އުފެއްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.


އަޒްހާން ވިދާޅުވީ، އެފަދަ އިސްލާހެއް ހުށައެޅުއްވުމުގެ ބޭނުމަކީ، ސިޔާސީ ޕާޓީތަކާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ބެލި
މައްސަލައެއްގެ ގަޒިއްޔާގައި ފާހަގަކޮށްފައިވާ ނުކުތާތަކުގައި ބަޔާންކޮށްފައިވާ
އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އެއިސްލާހުތައް ގެނައުންކަމަށެވެ.



މީގެ އިތުރުން ވިހިހާސް މެމްބަރުން ހަމަވާ ޕާޓީތަކަށް އެ ޕާޓީތަކުގެ އިދާރީ
އޮފީހާއި، އެޕާޓީތަކުގެ ހަރަކާތްތައް ހިންގުމަށް އެއްހާސް އަކަފޫޓުގެ އިމާރާތެއް
ނުވަތަ އިމާރާތަކުން ބައެއް ސަރުކާރުން ހަމަޖައްސައިދެއްވަން ޖެހޭނެ ކަމަށް ވެސް
އަޒްހާން ހުށައަޅުއްވާއިވާ އިސްލާހުގައި ބުނެފައިވެއެވެ.