ދުނިޔެ

އިދިކޮޅު ހަނގުރާމަވެރިންގެ ނުރައްކާ ބޮޑު - ޕްރަނާބް މުކަރްޖީ


އިންޑިޔާ ސަރުކާރާއި އިކޮޅު ހަނގުރާމަވެރިންގެ ނުރައްކާ ބޮޑުވެފައިވާކަމަށް ވިދާޅުވެ އިންޑިޔާގެ ރައީސް ޕްރަނާބް މުކަރްޖީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އިންޑިޔާގެ ފަސްދޮޅަސް ނުވަ ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރައްޔިތުންނާއި މުހާތަބުކުރައްވާ މުކަރްޖީ ވިދާޅުވީ އެޤައުމުގެ މިނިވަންކަމަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ އެޤައުމުގެ އެކި ހިސާބުތަކުގައި އިދިކޮޅު ހަރުކަށި ޚިޔާލުތަކުގެ ހަނގުރާމަވެރިން ގިނަވެފައިވުން ކަމަށެވެ. މިކަން ފާހަގަކުރައްވާ މުކަރްޖީ ވިދާޅުވީ އިންޑިޔާއާއި އަވަށްޓެރި ޤައުމުތަކާއި ގުޅުވައިދޭ ސަރަހައްދީ އިންތަކުގައި އިދިކޮޅު ހަނގުރާމަވެރިންގެ ހަރަކާތްތައް އިތުރުވެފައިވާ ކަމަށެވެ. އަދި އިންޑިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް މިފަދަ ހަނގުރާމަވެރިންގެ ކިބައިން ކުރިމަތިވާ ނުރައްކަލަށް ސަމާލުވާން ޖެހިފައިވާ ކަމަށެވެ. އަދި އަވަށްޓެރި ޤައުމުތަކުންވެސް އެޤައުމުތަކުގެ ސަރަހައްދީ އިން ބޭނުންކޮށްގެން މިފަދަ ހަނގުރާމަވެރިން އިންޑިޔާގެ ސަލާމަތަށް ބުރޫ އަރާފަދަ ކަމެއް ހިންގުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް މުކަރްޖީ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މުކަރްޒީ ވިދާޅުވީ ޓެރަރިސްޓުންގެ ހަރަކާތްތައް އެއްވެސް ވަރަކަށް ކުރިޔަށްގެންދިއުމަށް އިންޑިޔާއިން ފުރުސަތު ނުދެއްވާނެ ކަމަށް. އަދި މިފަދަ ގޮތަކަށް އިންޑިޔާގެ ސަރަހައްދީ އިމުގެ ތެރެއަށް ވަދެ މިފަދަ ޢަމަލުތައް ހިންގާ ބަޔަކާމެދު ހަރުކަށި ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.މިދިޔަ މަހު ކަޝްމީރާއި ޕަންޖާބުގައި ހަނގުރާމަވެރިން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މިގޮތުން ޕަންޖާބަށް ދެވުނު ހަމަލާގައި ހަތް މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން ކަޝްމީރުގައި ހަރަކާތްތެރިވާ ސަލާމަތީ ފައުޖުތަކުގެ ޤާފިލާއަކަށް ދިން ހަމަލާގައި ޝާމިލްވާ އެކަކު ހައްޔަރުކޮށްފައިވެއެވެ. މިމައްސަލައިގައި އަތުލައިގަތް މީހާ އަކީ ޕާކިސްތާނަށް ނިސްބަތްވާ މީހެއް ކަމަށް އިންޑިޔާއިން ފަހުން ބުނެފައިވެއެވެ. ނަވާރަސަތޭކަ ސާޅީސް ހަތްވަނަ އަހަރު މިނިވަންކަން ލިބުމަށްފަހު އިންޑިޔާއާ ޕާކިސްތާނުގެ މެދުގައި ތިން ހަނގުރާމައެއް ހިނގާފައިވާއިރު މީގެތެރެއިން ދެ ހަނގުރާމަ ހިނގާފައިވަނީ ކަޝްމީރުގެ މައްސަލައިގައެވެ. ދެޤައުމުންވެސް ވަނީ ކަޝްމީރަކީ އެބައިމީހުންގެ ތަނެއްގެ ގޮތުގައި ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އިންޑިޔާއަށް މިހާރު ކުރިމަތިވެފައިވާ ހަނގުރާމަވެރިންގެ ނުރައްކަލަކީ ޕާކިސްތާނުގެ އަތެއްވާ ކަމެއް ކަމަށް އިންޑިޔާއިން ދަނީ ކެނޑިނޭޅި ބުނަމުންނެވެ. މިގޮތުން އިންޑިޔާއާ ޕާކިސްތާނު ގުޅޭ ސަރަހައްދީ އިމާދިމާލުން އިންޑިޔާއަށް ނުރައްކާ ކުރާ ހަނގުރާމަވެރިންނަށް މަގުފަހިވާނެ ފަދަ ކަންތައްތައް ޕާކިސްތާނުން ކުރަމުންދާ ކަމަށް އިންޑިޔާއިން ދަނީ ތުހުމަތު ކުރަމުންނެވެ.