ޚަބަރު

ޝެންގެންގެ ޤައުމުތަކަށް ސްޕެއިން ހުޅުވާލާ ތާރީޚު އަވަސްކޮށްފި


ވިލާތުގެ އިއްތިޙާދުގެ ޝެންގެން ސަރަޙައްދަށް ނިސްބަތްވާ ޤައުމުތަކަށް ސަރަޙައްދީ ރޮނގު ހުޅުވަން ނިންމާފައިވާ ތާރީޚު ސްޕެއިނުން އަވަސްކޮށްފިއެވެ.

އަވަށްޓެރި ޕޯޗުގަލް ނުހިމެނޭގޮތަށް ޝެންގެންގެ ޤައުމުތަކަށް ސްޕެއިނުގެ ސަރަޙައްދީ ރޮނގު ހުޅުވަން ކުރިން ނިންމާފައިއޮތީ ޖުލައި 1ގައެވެ. ނަމަވެސް އެ ތާރީޚަށްވުރެ ދިހަ ދުވަސް ކުރިން، ޖޫން މަހުގެ 21ވަނަ ދުވަހު، އެ ސަރަޙައްދުގެ ޤައުމުތަކަށް ސްޕެއިނުގެ ސަރަޙައްދީ ރޮނގު ހުޅުވަން ނިންމާފައިވާކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޕެދުރޯ ސަންޗޭޒުވަނީ އިޢުލާނުކުރައްވާފައެވެ.

ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު އެއް ޤައުމުކަމުގައިވާ ސްޕެއިން އަދިވެސް އޮތީ ފަތުރުވެރިންނަށް ބަންދުކޮށްފައެވެ. ބޭރު ޤައުމުތަކުން ސްޕެއިނަށް ދަތުރުކުރާ މީހުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހެއެވެ. ނަމަވެސް ކަރަންޓީނުވެ ބޭރު ޤައުމުތަކުގެ ފަތުރުވެރިން ޖުލައި 1ން ފެށިގެން ސްޕެއިނަށް އެތެރެވެވޭނެކަމަށް ސްޕެއިނުގެ ސަރުކާރުންވަނީ މީގެ ކުރިން އިޢުލާނުކޮށްފައެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ސްޕެއިނަކީ ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމެވެ. އެ ޤައުމުގައި 290،685 މީހުންނަށް ބަލި ޖެހި، 27،136 މީހުންވަނީ މަރުވެފައެވެ.