އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ކިއުބާގެ ވެރިރަށް ހަވާނާއަށް ވަޑައިގެންފިއެވެ.މިއީ ވޭތުވެދިޔަ ފަންސާސް އަހަރުތެރޭ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަޤާމު ފުރުއްވަމުންގެންދަވާ ބޭފުޅަކު ކިއުބާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅަކީ ވޭތުވެދިޔަ ދެހާސް ސާދަވަނަ އަހަރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކިއުބާއާއެކު އެޤައުމުން ގެންގުޅޭ ގުޅުން ބަދަހިކުރައްވާނެކަން އިއުލާނުކުރެއްވުމަށްފަހު މިކަމަށްޓަކައި އެޅުނު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ. މިކަން ފާހަގަކުރުމަށް ކިއުބާގެ ގިނަ އަދަދެއްގެ އާއްމުން ވަނީ އެޤައުމުގައި ހުންނަ އެމެރިކާ އެމްބަސީ ދޮށަށް އެއްވެ އުފާ ފާޅުކޮށްހަދާފައެވެ. ކިއުބާއާއި އެމެރިކާއާ ދެމެދު ކުރިން ހީނަރުވެފައި އޮތްގުޅުން ރަނގަޅުވެ، ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރެވި ގުޅުން ބަދަހިވެގެން ދިއުމަކީ ކިއުބާގެ ކުރިމަގަށް އޮތް ހެޔޮފާލެއްކަމަށް އެޤައުމުގެ ރައްޔިތުން ދެކެއެވެ. އަދޮ އެޤައުމުގެ އިޤްތިސާދަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށްވެސް މުރާސިލުން ސިފަކުރެއެވެ.