ވިޔަފާރި

މާދަމާއިން ފެށިގެން އެކްސްޕްރެސް ކާގޯގެ ޙިދުމަތް އަލުން ފަށަނީ


މާދަމާއިން ފެށިގެން އެކްސްޕްރެސް ކާގޯގެ ޙިދުމަތް އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށް ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ހާމަކޮށްފިއެވެ.

އެސްޕްރެސް ކާގޯގެ ޙިދުމަތަކީ މާލެއިން އަތޮޅުތެރެއަށް މުދާ އަވަހަށް ފޮނުވާލަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަންއިން ދެމުންދާ ޙިދުމަތެކެވެ. ކާގޯ އެކްސްޕްރެސް މެދުވެރިކޮށް ފޮނުވޭނީ 10 ކިލޯއަށްވުރެ ލުއި މުދާކަމަށް މޯލްޑިވިއަންއިން މައުލޫމާތުދެއެވެ.

އައިލެންޑް އޭވިއޭޝަންގެ ކާގޯ ސަރވިސަސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ސަލީމް ވިދާޅުވީ މާދަމާއިން ފެށިގެން ހުކުރު ދުވަސް ފިޔަވާ، ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 14:30އަށް ކާގޯ އެކްސްޕްރެސް އޮފީސް ހުޅުވާފައި ހުންނާނެ ކަމަށެވެ.

އައިފާން ބިލްޑިންގ ފުރަތަމަ ފަންގިފިލާގައި ހިންގާ މި އޮފީހުން ބަލައިގަންނާނީ އާއްމު މުދަލާއި ބޭހުގެ ބާވަތްތައް އެކަނި ކަމަށާއި، ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބަލައިގަންނާނީ އެއަރޕޯޓުގެ ކާގޯއިން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. އަދި ހުރިހާ ކަސްޓަމަރުންވެސް ފައިސާ ދެއްކުމަށް ކާޑު ބޭނުންކުރުމަށް އައިލެންޑު އޭވިއޭޝަނުން އިލްތިމާސްކުރެއެވެ.

މޯލްޑިވިއަންގެ އެކްސްޕްރެސް ކާގޯގެ ޙިދުމަތަކީ އާއްމުންގެ ވަރަށްބޮޑު ތަރުހީބެއް ލިބޭ ޙިދުމަތެކެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކޮންމެ މަންޒިލަކަށް ގާތްގަނޑަކަށް 100 ކިލޯގެ މުދާ އެކްސްޕްރެސް ކާގޯ މެދުވެރިކޮށް އުފުލާކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ.