ޚަބަރު

އެދުނީ ޝަރީއަތް ނިމެންދެން ބަންދުކުރަން! 7 ދުވަސް ޖެހީ ކީއްވެ؟


އެގާރަ އަހަރު ކުޑައަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ތަހުގީގު އަވަސްކޮށް އަވަހަށް އިންސާފު ހޯދައިދޭން އެތައް ބަޔަކު މިހާރު ދަނީ ގޮވާލަމުންނެވެ.

މި މައްސަލައިގައި ފުލުހުންވެސް ތިބީ ދޫދޭ ގޮތަށް ނޫންކަން އެނގެ އެވެ. އޭގެ އެއް ހެއްކަކީ އެ މައްސަލައިގައި ހައްޔަރުކުރި ހއ.ބާރަށު ސިލްސިލާގޭ ޢުމުރުން 38 އަހަރުގެ އަނީސް ހިލްމީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަދޭން ކޯޓަށް ހުށައަޅަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، އެދިވަޑައިގެންފައި ވުމެވެ. މިއީ މިފަދަ މައްސަލަ އަކާއި ގުޅިގެން ވޭތުވެދިޔަ 5 އަހަރުތެރޭގައި މިފަދަ ނިންމުމަކަށް ޕީޖީ އޮފީހުގައި ފުލުހުން އެދުނު ފުރަތަމަ ފަހަރުވެސްމެ އެވެ.

ނަމަވެސް އެންމެންގެ ކަންބޮޑުވުންތައް މި ގޮތަށް ހުއްޓައި ދެން އިވުނު ޚަބަރާއެކު އެތައް ބައެއް ސުވާލުތަކެއް އުފެދިއްޖެ އެވެ. އެއީ ރޭޕް މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކޮށްދިނުމަށް އެދިފައި ވަނިކޮށް އެމީހާގެ ބަންދަށް ކޯޓުން 7 ދުވަސް ޖެހި ސަބަބާއި މެދުގައެވެ.

މިދިޔަ ބުދަ ދުވަހު މާލޭގެ ގެސްޓް ހައުސްއަކަށް ކުއްޖާ ގެންގޮސް ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މިހާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވީ ހައްޔަރުކުރި މީހާގެ އިތުރުން ފުލުހުންނެވެ. ކަން ދިމާކުރި ގޮތުން ޕީޖީ އޮފީހުގެ ވަކީލުންނަށް ޝަރީއަތުގެ މަޖިލީހުގައި ބައިވެރިނުވެވުނު ނަމަވެސް އެ މައްސަލައިގައި ޕީޖީ ބޭނުންވެވަޑައިގަންނަވާ ގޮތް ކޯޓަށް އެންގެވި އެވެ. އޭގައި އޮތީ އެމީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދޭން އެދޭ ކަމަށެވެ. ކޯޓުގައި ފުލުހުންވެސް އެދުނީ އެމީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށެވެ. ދެން އޮތީ އެ ހުރިހާ ކަމަކަށްފަހުވެސް 7 ދުވަސް ޖެހީ ކީއްވެ ހެއްޔެއެވެ. ޕީޖީ އާއި ފުލުހުން ދެއްކެވި ވާހަކަތަކަށް ރިއާޔަތްކޮށް ބަންދުގައި ބަހައްޓަން ގާޒީއަށް ފެނިވަޑައިގަތީ ހަތް ދުވަސް ހެއްޔެއެވެ?

ކަން ހިނގާފައި ވަނީ އާއްމު ބައެއް މީހުން ހީކުރި ގޮތަކަށް ނޫނެވެ. ރޭޕް ތުހުމަތުގައި ހައްޔަރުކުރި މީހާ ކޯޓަށް ދިޔައީ ދިފާއީ ވަކީލަކާއި ނުލަ އެވެ. އެހެންވެ އޭނާގެ ބަންދަށް ޖެހި ހަތް ދުވަހަކީ ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އޭނާއަށް ދިން ފުރުސަތެކެވެ. ގާނޫނީ ވަކީކަލަކު އައްޔަން ކުރެވެންދެންވެސް އޭނާ ބަންދުގައި ބަހައްޓަން ފެންނަ ކަމަށް ގާޒީވެސް ނިންމެވީ އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދޭން އެދި ދައުލަތުން ހުށައެޅި ނުކުތާތަކާއިމެދު ޝަރީއަތުން ގޮތެއް ނުނިންމަވައެވެ. އެ ވާހަކަ ޝަރީއަތުގައި ދެކެވެން އޮތީ ތުހުމަތު ކުރެވޭމީހާއަށް ވެސް ގާނޫނު އަސާސީން ލިބިދޭ ގާނޫނީ ވަކީލެއްގެ ހައްގު ދިނުމަށްފަހުgައެވެ.

އެގާރަ އަހަރުގެ ކުއްޖަކު ރޭޕްކުރުމުގެ މައްސަލައިގައި މިހާތަނަށް ފުލުހުން ގިނަ މައުލޫމާތުތަކެއް ވަނީ ހޯދާފައި އެވެ. އެންމެ ބޮޑު ސުވާލެއްގެ ގޮތުގައި އޮތް އެ ކުއްޖާ ގެންދިޔަ ގޮތް ފުލުހުންގެ ތަހްގީގުން ވަނީ ހޯދާފަ އެވެ. ފުލުހުން ބުނެފަވަނީ އެ ކުއްޖާ ރޭޕްކުރީ ގްރޫމްކޮށްގެންކަމަށް އެނގިފައިވާ ކަމަށެވެ.

ގްރޫމްކުރުމަކީ ކުޑަކުދިންނާއި ޢާއިލާއަށް ފައިސާ އާއި އެހެނިހެން ތަކެތި ދީގެން ކުއްޖާ އާއި ރަޙުމަތްތެރިކަން އުފައްދައި، ކުއްޖާ ރުއްސުވައިގެން ޖިންސީ އެދުމެއް ޙާސިލުކުރުމަށް މަގުފަހިކުރުވުމެވެ.

ފުލުހުންގެ ތަހްގީގު ކުރިޔަށްދާ ސްޕީޑާއި އަދި ވާސިލްވެފައިވާ ހިސާބަށް ބަލާއިރު މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަށް އެހާ ފަސޭހައިން ސަލާމަތްވެވިދާނެ ކަމަށް ނުބެލެވެއެވެ.