ޚަބަރު

އެގާރަ އަހަރުގެ ކުއްޖާ ރޭޕްކުރީ ރަޙުމަތްތެރިކަން އުފައްދާ އެކުއްޖާ ރުއްސުވައިގެން - ފުލުހުން


އެގާރަ އަހަރުގެ ކުއްޖަކު ރޭޕްކުރުމުގެ މައްސަލައިގައި މިހާތަނަށް ބެލިބެލުމުން އެކުއްޖާ ރޭޕްކޮށްފައިވަނީ ގްރޫމްކޮށްގެންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގްރޫމްކުރުމަކީ ކުޑަކުދިންނާއި ޢާއިލާއަށް ފައިސާއާއި އެހެނިހެން ތަކެތި ދީގެން ކުއްޖާއާއި ރަޙުމަތްތެރިކަން އުފައްދާ، ރުއްސުވައިގެން ޖިންސީ އެދުމެއް ޙާސިލުކުރުމަށް މަގުފަހިކުރުވުމެވެ. އެގާރަ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ހއ.ބާރަށު ސިލްސިލާގޭ ޢުމުރުން 38 އަހަރުގެ އަނީސް ހިލްމީ ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރމިނަލް ކޯޓުންވަނީ 7 ދުވަސް ޖަހައިދީފައެވެ.

އޭނާގެ ބަންދަށް 7 ދުވަސް ޖަހައިދީފައިވާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ތަޙުގީގު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުގައި ފުލުހުންގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސްވަނީ އެދިވަޑައިގެންފައެވެ. މިއީ މިފަދަ ގޮތަކަށް ބަންދުގައި ބަހައްޓައިގެން މައްސަލައެއް ބެލުމަށް ސީޕީގެ ފަރާތުން 5 އަހަރުތެރޭގައި އެދުނު ފުރަތަމަ ފަހަރުކަމަށް ފުލުހުން ވިދާޅުވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ގްރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވައި އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުން މަސައްކަތްކުރައްވާނެ ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

ކުޑަކުދިންނަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ޢާއްމުންގެ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ. އެގޮތުން އެއްވެސް ކުއްޖަކު ނުރައްކަލަކަށް ހުށައެޅިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.