ވިޔަފާރި

ކާނިވާ ސަރަޙައްދުގައި ހުންނަ ޕެޓްރޯލް ޝެޑުން ޙިދުމަތްދޭން ފަށައިފި


ކާނިވާ ސަރަޙައްދުގައި ހިންގާ ޕެޓްރޯލް ޝޭޑުން މިއަދުން ފެށިގެން ހިދުމަތް ލިބޭނެ ކަމަށް އެފްއެސްއެމުން ވިދާޅުވެއްޖެއެވެ.

ފުރަބަންދުގެ މުއްދަތުގައި ޙިދުމަތް މެދުކަނޑާލުމަށްފަހު އަލުން ޕެޓްރޯލް ޝެޑު ހުޅުވާ ޙިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން މެންދުރުފަހު 3:30 އަށް، އަދި ހަވީރު 4:30 އިން ރޭގަނޑު 10:00 އަކަށެވެ. އަދި ކޮންމެ ބަންގި ގަޑިއަކަށް 25 މިނަޓަށް ޝެޑު ބަންދުވާނެ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

ކޯވިޑް-19އާ ގުޅިގެން މާލެސިޓީ ފުރަބަންދަކަށް ދިޔުމާއި ގުޅިގެން އެފްއެސްއެމުން ޙިދުމަތް ދެމުން އައިސްފައިވަނީ ސްޓެލްކޯ ސަރަޙައްދުގައި ހިންގާ ޕެޓްރޯލް ޝެޑުންނާއި، އިންޑަސްޓްރިއަލް ވިލެޖުގައި ހިންގާ ޕެޓްރޯލް ޝެޑުގެ އިތުރުން ހުޅުމާލޭގައި ހިންގާ ޕެޓްރޯލް ޝެޑުންނެވެ.

އެފްއެސްއެމުން މިދިޔަމަހުގެ ތެރޭ ވަނީ އެކުންފުނީގެ ޕެޓްރޯލް ޝެޑުތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ފައިސާ ދެއްކޭގޮތްވެސް ހަމައްޖައްސާފައެވެ.

ކޯވިޑް-19 ވައިރަސްއާ ގުޅިގެން ނަގުދު ފައިސާގެ މުއާމަލާތްތައް ކުރާ މިންވަރު މަދުކުރުމަށްޓަކައި ގެނެސްފައިވާ ބަދަލާއެކު މާލެ އަދި ހުޅުމާލޭގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުން ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް މިހާރު ބީއެމްއެލް ކާޑުން ފައިސާ ދެއްކޭނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމުން ބުނެއެވެ.