ޚަބަރު

ބޭންކުން އެެއްވެސް ކަސްޓަމަރެއްގެ ކާޑުގެ މަޢުލޫމާތު އާންމުވެފައެއްނުވޭ - ބީއެމްއެލް


ބޭންކް އޮފް މޯލްޑިވްސްއިން އެއްވެސް ކަސްޓަމަރެއްގެ ކާޑުގެ މަޢުލޫމާތު އާންމުވެފައި ނުވާކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްގެ ކާޑުތަކެއްގެ މައުލޫމާތު އާންމުވެފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައިދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ބުނީ އެ ބޭންކުގެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު އާންމުވެފައިވާކަމަށް ބޭންކަށް ފާހަގަކުރެވިފައިނުވާކަމަށެވެ. އެހެން ނަމަވެސް ބައެއްފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރޗަންޓުންނާއި އީކޮމަރސް މަރޗަންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތު އާންމުވާ ހާލަތުގައި ޑާރކް ވެބްގައި މި މައުލޫމާތުތައް ހާމަކޮށްފައި ހުންނަ ކަމަށެވެ.

ކަސްތަމަރުންގެ ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެފަދަ އަމަލެއް ހިނގަމުންދޭތޯ ކާޑު އެސޯސިއޭޝަންތަކާއެކު ބޭންކުން އަބަދުވެސް މޮނިޓަރކުރަމުންދާކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެގޮތުން ބީއެމްއެލްގެ ކާޑުތަކެއްގެ މައުލޫމާތު ހާމަވެފައިވެދާނެކަމަށް އެ ބޭންކުގެ ކާޑު ޕާރޓްނަރަކު މިދިޔަ ބުރާސްފަތިދުވަހު އަންގާފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. މީގެ ތެރޭގައި ބޭންކުން ދޫކޮށްފައިވާ ގާތްގަނޑަކަށް 350 ކާޑު ހިމެނޭކަމަށް އެ ބޭންކުން ބުނެއެވެ. އަދި އެ ކާޑުތައް ބްލޮކް ކޮށް އައު ކާޑު ހެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ބޭންކުން ބުނެއެވެ.

މިފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަށް މީގެ އަސަރުކުރާކަންވެސް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ.

ބީއެމްއެލްއިން ބުނީ މަރޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވިނަމަވެސް އެފަދަ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، އަދި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެކަމުގެ ޔަޤީންކަން ކަސްޓަމަރުންނަށް ދޭކަމަށެވެ.