ވިޔަފާރި

މޯލްޑިވިއަންއިން މިހާތަނަށް 700 ޓަނުގައި ކާގޯ ރާއްޖެއަށް ގެނެސްފި


މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކުގައި މިހާތަނަށް 700 ޓަނުގައި ކާގޯ ރާއްޖެއަށް ގެނެސްފައިވާ ކަމަށް އެއެއަރލައިނުން ހާމަކޮށްފިއެވެ.

މޯލްޑިވިއަންއިން ގާކޯ ދަތުރުތައް ފަށާފައިވަނީ ކޯވިޑާ ގުޅިގެން ދުނިޔޭގެ ގިނަ އެއަރލައިންތައް ހުއްޓުމަކަށް އައުމާއި ގުޅިގެން ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޑިރެކްޓަރ އޮފް ގައުންޑް އޮޕްރޭޝަންސް އަޙްމަދު އިބްރާހިމް ވިދާޅުވީ މިހާރުވެސް 5 ތަނަކަށް ކާގޯ ދަތުރުތައް ކުރަމުން ދާ ކަމަށެވެ. އަދި މޯލްޑިވިއަންގެ ކާގޯ ގެނެސްދޭ ރޭޓަކީ މާރކެޓުގައި ލިބޭނެ އެންމެ އަގުހެޔޮ ރޭޓުކަން އިބްރާހިމް ފާހަގަކުރެއްވިއެވެ.

"މޯލްޑިވިއަނުން ވިއްކާ ކާގޯ ރޭޓުތަކަކީ މާރކެޓުގައި ލިބޭނެ އެންމެ އަގު ހެޔޮ ރޭޓު، ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ސަޕޯޓެއް ދެވުނު ކަމަށް އުއްމީދުކުރަނީ،" އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ ކޯވިޑާއި ގުޅިގެން ރާއްޖެއަށް ބޭހާއި ސިއްހީ ސާމާނުތައް ގެނައުމަށް ޙާއްސަ ދަތުރުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މޯލްޑިއަން ކާގޯއިން ޗައިނާއަށްވެސް 3 ދަތުރުކޮށްފައިވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

" އެސްޓީއޯ އާއި އެންޑީއެމްއޭގެ ދަތުރުތަކެއްކޮށްފައިވާނެ، އެއީ ޗައިނާއަށް 3 ފްލައިޓެއްވަނީ އަޅާފައި، އެއީ ޒިއާންއަށް 2 ދަތުރު އަދި ޗެންޑޫއަށް ދަތުރެއް ކޮށްފައިވާނެ، މިއީ ސިއްޙީ ސާމާނު ބަލާކޮށްފައިވާ ދަތުރުތަކެއް،" އިބްރާހިމްވިދާޅުވިއެވެ.

މޯލްޑިއަންއިން ދަނީ ވިޔަފާރިވެރިންނަށް ރާއްޖެއަށް މުދާ ގެނައުމުގައި ފަސޭހަކޮށްދިނުމަށްޓަކައި 5 މަންޒިލަކަށް ދަތުރުތައް ބާއްވަމުންނެވެ. އެ 5 މަންޒިލަކީ، ކޮލަމްބޯ، ޓްރިވެންޑްރަމް، ޗެންނާއީ، ބެންކޮކް އަދި ދުބާއީއެވެ. މޯލްޑިވިއަންއިން ކާގޯ ދަތުރުތައް ފަށާފައިވަނީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެވެ.