ވިޔަފާރި

އަންނަމަހުން ފެށިގެން މާފަރު އެއަރޕޯޓު ބޭނުންކުރާނީ ފުރިހަމަ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި


އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާފަރު އެއަރޕޯޓު ބޭނުންކުރަމުންދާނީ ފުރިހަމަ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޑިރެކްޓަރ އޮފް ގައުންޑް އޮޕްރޭޝަންސް އަޙްމަދު އިބްރާހިމް ވިދާޅުވީ މާފަރު އެއަރޕޯޓުގެ އިންޓަރނޭޝަނަލް އޮޕަރޭޝަނަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ގެންނަމުންދާ ކަމަށާއި އައު އާންމު ހާލަތު ފަށާއިރު މާފަރު އެއަރޕޯޓު ބޭނުންކުރަން ފަށާނީ ފުލީ ފަންކްޝަނަލް އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ކަމަށެވެ.

"ނޫސްތަކުގައިވެސް ރާއްޖޭގެ ދެކޮޅުގައި އޮޕަރޭޝަންސްތަކެއް ސްޓާރޓުކުރަންވެގެން ޓޫރިޒަމްއިން ނިއު ނޯމަލްގެ ތެރެއިން ކުރިއަށްދާ ވާހަކަ ދެކެވެމުންދޭ، އެގޮތުން މާފަރުގެ އިންޓަރނޭޝަނަލް އޮޕަރޭޝަންސަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ،" އިބްރާހިމް ވިދާޅުވިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ.

މޯލްޑިވިއަނުން ދަނީ ރާއްޖޭގެ 4 އެއަރޕޯޓެއް މެނޭޖްކުރަމުންނެވެ. އެއީ ތިމަރަފުށި އެއަރޕޯޓާއި އިފުރު އެއަރޕޯޓާއި، ދަރަވަންދޫ އެއަރޕޯޓާއި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރމަހުގެ ތެރޭގައެވެ. އަދި މިހާތަނަށް މިއެއަރޕޯޓު ހިންގަމުން އައިސްފައިވަނީ ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައެވެ.

އެހެންނަމަވެސް ރާއްޖޭގައި އޮޕަރޭޓްކުރާ ރީޖަނަލް އެއަރޕޯޓުތަކުގެ ތެރެއިން ޕްރައިވެޓް ޖެޓްތައް ޕާކުކުރެވޭނެ އެއަރޕޯޓުތަކަކީ ކޮބައިތޯ ބަލަމުންދާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދާދިފަހުންވަނީ ވިދާޅުވެފައެވެ.

އެގޮތުން ފަތުރުވެރިންނަށް އަލުން ރާއްޖެ ހުޅުވާލާއިރު، ޝެޑިއުލް ޕަސެންޖަރ ފްލައިޓްތައް ދަތުރުކުރުމުގެ ބަދަލުގައި ފުރަތަމަ ހުއްދަ ދިނުމުގެ ވިސްނުންހުރީ ޕްރައިވެޓް ޖެޓާއި، ޗާޓަރ ފްލައިޓްކަމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލަމުންދާ "ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ޑްރާފްޓުގައި ބުނެފައިވެއެވެ.

މިގޮތަށް ޕްރައިވެޓް ޖެޓްތަކަށް ޕާކު ކުރުމުގެ ހުއްދަ ދެވެން އަންނަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކަށް ފެތޭ އެއަރޕޯޓުތަކަށެވެ. އެގޮތުން އެފަދަ 3 ރީޖަނަލް އެއަރޕޯޓެއް ފާހަގަކުރެވިފައިވާކަމަށާއި، އެތަންތަނުގައި ޕްރައިވެޓް ޖެޓްތަކަށް ކޭޓަރ ކުރެވޭނެ މިންވަރަކީ ކޮބައިތޯ ބަލަމުންދާކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެއީ ކޮން ތިން އެއަރޕޯޓެއްކަމެއް ޓްރާންސްޕޯޓު މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.