ޚަބަރު

މޫސުން ގޯސްވެ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް


މޫސުން ގޯސްވުމުގެ ސަބަބުން ގިނަ ހާދިސާތަކެއް ހިނގަމުންދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފާއި ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާކަމުގެ ރިޕޯޓް ލިބެމުންދާކަމަށެވެ. އެގޮތުން ހދ. އަތޮޅު ކުމުންދޫއިން މާވައިދޫއަށް ކާށި ހޮވަން ގޮސް އުޅުނު ބަޔަކަށް މޫސުން ގޯސްވުމުގެ ސަބަބުން ރަށަށް ނުދެފިފައި ތިއްބާ އެމީހުންނަށް އެއިދާރާގެ ނޯދަން އޭރިއާ ސީޖީއިން އެހީތެރިކަން ފޯރުކޮށްދީ، ކުޅުދުއްފުއްޓަށް ގެންގޮސްދީފައި ވާކަމަށެވެ.

މީގެއިތުރުން މޫސުން ގޯސްވުމުގެ ސަބަބުން ކ.ގުޅީފަޅުގައި ބޭނުންކުރަމުންދިޔަ 20 ފޫޓުގެ ގިނަ އަދަދެއްގެ ޕްލާސްޓިކް ޝީތްތަކެއް ކަނޑަށް ދޫވެ، ވިލިމާލެއާއި މާލެއާއި ދޭތެރޭ އޮޔާދާތީ އެކަމަށް ސަމާލުވުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިއަދު ހަވީރު 4:00ހާއިރު ގދ ހައުޑިގަލާއިން ގދ ތިނަދޫ އަށް ދަތުރުކުރި 2 ޑިންގީއެއް ދިޔަވާތީ އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓް ގާޑުގެ ފަރާތުން އެ ދެ ޑިންގީގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ ތިނަދޫއަށް ގެންގޮސްދީފައިވާކަމަށެވެ.

މީގެއިތުރުން ފުލުހުންވެސް ވަނީ މޫސުމާއި ގުޅިގެން އެކިއެކި ހާދިސާތައް ދިމާވަމުންދާކަމުގެ، ރިޕޯޓުތައް ލިބެމުންދާކަމަށް ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ މޫސުން ގޯސްވެ، ވައި ގަދަވުމުގެ ސަބަބުން އިމާރާތްތަކަށް ގެއްލުންވުމާއި ގަސްފަދަ ތަކެތި ވެއްޓޭ ކަމުގެ ރިޕޯޓުތައް ލިބެމުންދާކަމަށެވެ. އެހެންކަމުން މޫސުން ގޯސްވާ ގަޑިތަކުގައި ބޭނުމެއްނެތި ބޭރުތެރޭގައި ނޫޅުމަށާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށްވެސް އިލްތިމާސްކުރައްވާފައެވެ.