ޚަބަރު

ޑޮކްޓަރުންގެ ޚާއްޞަ ޓީމުތަކެއް ހދ. އަތޮޅުގެ ހުރިހާ ރަށަކަށް


ޚާއްޞަ ބަލި ތަކުގެ ޑޮކްޓަރަުން ހިމެނޭ ގޮތަށް ހދ. އަތޮޅުގެ ހުރިހާ ރަށަކަށް ޑޮކްޓަރުންގެ ޓީމްތައް ފޮނުވަން ފަށައިފިއެވެ. މިޓީމުތައް ރަށްރަށަށް ޒިޔާރަތްކޮށް ބަލި މީހުންނަށް ފަރުވާ ދިނުމުގެ އިތުރަށް، މާބަނޑު މީހުން ބެލުމާއި ސްކޭން ކުރުމުގެ ޚިދުމަތްވެސް ދެމުންދާނެއެވެ. އެންމެ ފުރަތަމަ މި ޕްރޮގުރާމް ފަށާފައި ވަނީ އެއަތޮޅު މަކުނުދޫގައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ މިޕްރޮގުރާމް ފަށަން އެ ހޮސްޕިޓަލުން ނިންމީ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ފުރަބަންދުގެ މިޙާލަތުގައި ޑޮކްޓަރަށް ދައްކައިގެން ޞިއްޙީ ޚިދުމަތް ހޯދަން ދަތިތަކެއް ކުރިމަތިވެފައިވާތީއާއި، އާއްމުކޮށް ފެރީ ދަތުރުތަކުގެ ޚިދުމަތް ނުފަށާތީ ރައްޔިތުންނަށް މިކަމުގައި ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުންކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ދާއޫދު ވިދާޅުވީ، މިޓީމުގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރުންގެ އިތުރަށް ސްކޭނިންގޑޮކްޓަރަކާއި، އެތެރެހަށީގެ ޑޮކްޓަރުންނާއި، ހަމުގެޑޮކްޓަރުންނާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން ހިމެނޭ ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ގެންދަނީ ހދ. ފިޔަވާ އެހެން އަތޮޅު ތަކަށްވެސް ސްކޭންކުރާ ޑޮކްޓަރުން ފޮނުވައިގެން ޚިދުމަތް ދެމުންނެވެ. މިގޮތުން ކ. މާފުށީ ޞިއްޙީ މަރުކަޒުގައިވެސް ސްކޭންކުރުމުގެ ޚިދުމަތް ފަށާފައިވާއިރު، ހއ. އަތޮޅާއި، ށ. އަތޮޅު ހޮސްޕިޓަލަށްވެސް ސްކޭންކުރާ ޑޮކްޓަރުން ފޮނުވައިގެން ކޮންމެ މަހަކު އަންނަނީ ޚިދުމަތް ދެމުންނެވެ.