ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހަވީރު 5:30 އިން ފެށިގެން މިރޭ 8:30 އާހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށެވެ.
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، އެ ސަރަހައްދަށް ތިންފަހަރުމަތިން މިއަދުވަނީ ޔެލޯ އެލަރޓްގެ ނެރެފައެވެ.
މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށްބަލާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަ ވާނެކަމަށް ލަފާކުރެވޭތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މޫސުމާއިބެހޭ ޤައުމީ ޢިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.