ޚަބަރު

ފުރަބަންދުގެ އަމުރުތަކާއި ޚިލާފުވެގެން ޖޫރިމަނާކުރި މީހުންގެ އަދަދު 9000ން މައްޗަށް


ފުރަބަންދުގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެގެން ޖޫރިމަނާކުރި މީހުންގެ އަދަދު 9000އަށްވުރެ އިތުރުވެއްޖެއެވެ.

ފުރަބަންދުގެ އުސޫލާއި ޚިލާފުވާ މީހުން ޖޫރިމަނާކޮށް، އަދި ފުލުހުން ހައްޔަރުކުރަން ފަށާފައި ވަނީ، އުސޫލުތައް ތަންފީޒްކުރުން ހަރުދަނާކޮށް، ކޯވިޑް ފެތުރޭ މިންވަރު ކުޑަކުރުމަށް ބާރުއެޅުމަށެވެ. އޭޕްރިލް 15ދުވަހުން ފެށިގެން މާލޭގައި ފުރަބަންދު ތަންފީޒްކުރަން ފަށާފައި ވާއިރު، ފުރަބަންދުގެ އުސޫލާއި ޚިލާފުވެގެން މިހާތަނަށް 9068 މީހުން ޖޫރިމަނާކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ މާލެއިން 8095 މީހުން، ހުޅުމާލެއިން 833 މީހުން އަދި ވިލިމާލެއިން 140 މީހުންނެވެ.

ކޯވިޑާއި ގުޅިގެން މަގުމައްޗަށް ނުކުމެ އުޅެވޭ ޤަވައިދާއި ޚިލާފުވެގެން 600 އާއި ގާތްކުރާ އަދަދަކަށް މީހުންވަނީ ފުލުުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. މިހާތަނަށް ޖުމްލަ 597 މީހުން ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެއީ މާލެއިން 548 މީހުން، ހުޅުމާލެއިން 46 މީހުން އަދި ވިލިމާލެއިން 3މީހުންނެވެ.

ފުރަބަންދާއިއެކު ބޭރަށް ނިކުމެ މިހާރު އުޅެވެނީ ފުލުހުން ދޫކުރާ ޚާއްސަ ހުއްދަ އާއިއެކުގައެވެ. މިވަގުތު ހުއްދަ ދޫކުރަނީ ވިޔަފާރިކުރާ ފިހާރަތަކާއި ރެސްޓޯރަންޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ޑެލިވަރީކުރާ މީހުންނަށެވެ. އަދި ފުރަބަންދުގެ ލުއިތަކާއިއެކު ބައެއް އޮފީސްތައް ހުޅުވާލުމާއި ގުޅިގެން، ވަޒީފާއަށްދާ މީހުންނަށްވެސް ދެވެނީ ފުލުހުންގެ ޚާއްސަ ހުއްދަ ނަގައިގެންނެވެ.

މީގެއިތުރަށް ގެއަށް ބޭނުންވާ ތަކެއްތި ގަތުމަށް ބޭރަށް ދެވެނީ ހަފްތާއަކު ދެދުވަހު 3 ގަޑިއިރަށް ފުލުހުން ދޫކުރާ ޚާއްސަ ހުއްދަ ނަގައިގެންނެވެ. ފުރަބަންދަށް ލުއިދިނުމާއި ގުޅިގެން މިހާރުވަނީ ހަފްތާއަކު ބޭރަށް ނިކުމެވޭ ދުވަސް އިތުރުކޮށްފައެވެ.

އަދި ކަސްރަތުކުރުމަށް ނިކުންނަ އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ފަތިހު، އެއްވެސް ހުއްދައަކާއި ނުލާ 3ގަޑިއިރަށް ބޭރަށް ނުކުމެވޭގޮތަށް ވަނީ ލުއިތަށް ދީފައެވެ.

މިހާރު މިއޮތް ފުރަބަންދުގެ މުއްދަތު މިމަހުގެ 14ވަނަ ދުވަހަށް ހަމަވުމުން، 24ގަޑިއިރުގެ ލޮކްޑައުން އުވާލައި، ވަކި ވަގުތުތަކެއްގައި ފުރަބަންދުކުރުމަށް ވަނީ ނިންމާފައެވެ. ހުއްދައާއި ނުލާ ބޭރަށް ނިކުމެވޭ ވަގުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ފަތިހު 5އިން ރޭގަނޑު 10އަށެވެ.