ޚަބަރު

މޫސުންގޯސްވާނެތީ ދެކުނަށް ނެރުނު ޔެލޯ އެލަރޓްގެ ވަގުތު އިތުރުކޮށްފި


ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރުނު ރީނދޫ އެލަރޓްގެ ވަގުތު އިތުރުކޮށްފިއެވެ.

ކުރިން އެލަރޓް ނެރެފައި ވަނީ މެންދުރު 12އާއި ހަމައަށް، ނަމަވެސް މިހާރުވަނީ 15:00އާއި ހަމައަށް ވަގުތު އިތުރުކޮށްފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް 18 މޭލަށް ވައިގަދަވާނެ ކަމަށާއި ވިިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި މި ވަގުތުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގެ މިންވަރެއްގައި ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ އެހެން ހިސާބުތަކަށް މޫސުން ލަފާކުރެވޭ ގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަ ވާނެކަމަށް ލަފާކުރެވޭތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.