ޚަބަރު

ރޭޕްގެ މައްސަލައިގައި ހައްޔަރުކުރިމީހާގެ ތަޙްޤީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދިއްޖެ


އެގާރަ އަހަރު ކުއްޖާ ރޭޕްކުރި މައްސަލައިގައި ހައްޔަރުުކުރި މީހާ ތަޙްޤީޤު ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ސީޕީ އެދިވަޑައިގެންފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި އެކަމަށް އެދި ދަންނަވާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ހާމަކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

"ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރާ ގާނޫނު" ގެ ދަށުން، މިފަދަ މައްސަލައިގައި ހައްޔަރުކުރާ މީހުން، ތަޙްޤީޤު ނިމެންދެން ބަންދުގައި ބޭތިއްބުމަށް ޕީޖީއަށް ހުށައެޅުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިދީފައެވެ.

އަދި އެޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކަމަށް އެދި ކޯޓަށް ހުށައަޅުއްވާނީ ޕީޖީއެވެ.

މިއީ މިފަދަ މައްސަލަ އަކާއި ގުޅިގެން ވޭތުވެދިޔަ 5 އަހަރުތެރޭގައި މިފަދަ ނިންމުމަކަށް ޕީޖީގައި ފުލުުހުން އެދުނު ފުރަތަމަ ފަހަރުކަމުގައިވެސް ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައިވަނީ ވިދާޅުވެފައެވެ.

ޤާނޫނު ބުނާގޮތުން މިފަދަ ތުޙުމަތެއްގައި ހައްޔަރުކުރާމީހަކު ތަޙުޤީޤުގެ މަރުޙަލާއާއި ޝަރިއަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރު ހޯދުމަށް، ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓަށް ހުށައަޅައިދިނުމަށްއެދި ކޮމިޝަނަރ އޮފް ޕޮލިސްއަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާތުގައި އެދެވިދާނެއެވެ.
އަދި މިކަން ޕީޖީއިން ވިހާވެސް އަވަހަށް ބެލުމަށްފަހު، އެފަދަ އަމުރަކަށް އެދި ކޯޓަށް ހުށައަޅަންޖެހެއެވެ.

މާލޭގެ ގެސްޓްހައުސްއެއްގައި 11އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެދަށުން، އިއްޔެގެ ވަގުތެއްގައެވެ. މި ޙާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.