ދުނިޔެ

މިއަހަރު ހައްޖުގެ އަޅުކަމަށް މީހުން ނުފޮނުވުމަށް 9 ޤައުމަކުން ނިންމައިފި


ކޯވިޑް-19 އާއި ގުޅިގެން ސައޫދީ އަރަބިއްޔާގެ ހާލަތު ގޯސްވެފައި ވާއިރު، މިއަހަރުގެ ހައްޖުގެ އަޅުކަމަށް މީހުން ނުފޮނުވުމަށް 9 ޤައުމަކުން ނިންމައިފިއެވެ.

ހައްޖުގެ އަޅުކަން މިއަހަރު ނުބާއްވާގޮތަށް ހަމަޖެއްސިކަން ސައޫދީ ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ހައްޖުގެ އަޅުކަމާއި ގުޅޭ ކަންކަން މަޑުޖައްސައިލުމަށް ސައޫދީ ސަރުކާރުން ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ޤައުމުތަކަށް އަންގާފައެވެ.

މިއަހަރު މީހުން ހައްޖަށް ނުފޮނުވާގޮތަށް ނިންމާފައިވާ ޤައުމުތަކުގެ ތެރޭގައި، މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާ ހިމެނެއެވެ.

މިއަހަރު މީހުން ހައްޖުގެ އަޅުކަމަށް ނުފޮނުވުމަށް މިހާތަނަށް ނިންމާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، އިންޑޮނީޝިއާގެ އިތުރުން، ބުރޫނާއި، ސައުތުއެފްރިކާ، އިންޑިއާ، މެލެޝިޔާ، ފުރާންސް، އޮސްޓްރޭލިއާ، ނިއުޒިލޭންޑްގެ އިތުރުން ސިންގަޕޯރއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ނުބޭއްވިޖެނަމަ އެކަން ވާނީ، 1932 ވަނައަހަރުން ސައޫދީގެ މިހާރުއޮތް ވިރާސީ ރަސްކަމުގެ ތާރީޚުގައި ހައްޖުގެ އަޅުކަން ނުބޭއްވޭ ފުރަތަމަ ފަހަރަށެވެ.

ސައޫދީ އަރަބިއްޔާއިން މިހާތަނަށް، ލައްކައަކަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 800އަށްވުރެ ގިނަމީހުން މަރުވެފައިވާއިރު ކޯވިޑް-19ން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން އެޤައުމު ފުރަބަންދު ކުރިއެވެ.

އަދި ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދީ މެއި 30 ގައި މަސްޖިދުލްނަބަވީ އަލުން ވަނީ ހުޅުވާލާފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް މައްކާ ހުޅުވާލާފައެއް ނުވެއެވެ.

ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދިޔުމާއި ގުޅޭ ގޮތުން ދިވެހި ސަރުކާރުން ވަގިގޮތެއް ނިންމާފައެއް ނުވެއެވެ.

މިއަހަރުގެ ހައްޖު ދުވަސް ދިމާވަނީ، މިފެށޭ ޖުލައިމަހުގެ 30 ވަނަ ދުވަހާއިއެވެ.