ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ އިއްތިޙާދު (އާސިއާން)ގެ 59 ވަނަ އަހަރީ ބައްދަލުވުން ފިލިޕީންސްގެ ވެރިރަށް މެނިލާގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވަމުން، ފިލިޕީންސްގެ ޚާރިޖީ ވަޒީރު، މާ. ތެރޭސާ ޕީ ލާޒާރޯ ވަނީ، ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ހަލަބޮލިކަމާއި ނުތަނަވަސްކަމުން އަރައިގަތުމަށްޓަކައި، ހަރުދަނާ އަދި އެއް އަމާޒަކަށް މަސައްކަތްތަކެއް ކުރުމަށް މެންބަރު ޤައުމުތަކަށް އިލްތިމާސް ކުރައްވާފައެވެ.
"އަޅުގަނޑުމެންގެ މަސައްކަތްތައް އަވަސްކުރަންޖެހޭ މުހިންމު ދަނޑިވަޅެއް މިއީ،" ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ގޮންޖެހުންތަކަށް އިޝާރާތް ކުރައްވަމުން ލާޒާރޯ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަސިއަންގެ މެންބަރުން ގުޅިގެން އުފެއްދުންތެރި ޙައްލުތަކާއި ކުރިއަށްދާނެ އައު މަގުތައް ހޯދަންޖެހޭ ކަމަށެވެ.
2026 ވަނަ އަހަރު ފިލިޕީންސް އިން އާސިއާންގެ ރިޔާސަތާ ހަވާލުވާއިރު ކަނޑައަޅާފައިވާ ޝިއާރު ކަމަށްވާ "ނެވިގޭޓިން އަވަރ ފިއުޗާ، ޓުގޭދަރ" އަށް އަލިއަޅުވާލައްވަމުން ލާޒާރޯ ވިދާޅުވީ، ބޭރުގެ ނުފޫޒުތަކަށް ހަމައެކަނި ރައްދު ދިނުމުގެ ބަދަލުގައި، އަމިއްލަ މުސްތަޤުބަލު ބައްޓަންކުރުމުގައި މި އިއްތިޙާދުގެ އެއްބައިވަންތަކަން ދެމެހެއްޓުން މުހިންމު ކަމަށެވެ.
"ދުނިޔޭގެ މަސްރަޙު ބައިބައިވެފައިވާ މި ދަނޑިވަޅުގައި، އެއްވެސް ޤައުމަކަށް އެކަނިމާއެކަނި މި ގޮންޖެހުންތަކާ ކުރިމައްޗެއް ނުލެވޭނެ. އަޅުގަނޑުމެންގެ ބާރާއި ސާބިތުކަން ގުޅިފައިވަނީ އަޅުގަނޑުމެންގެ ސަރަޙައްދީ އެއްބައިވަންތަކަމާ،" އޭނާ ވިދާޅުވިއެވެ.
އަދި އެކުގައި މަސައްކަތް ނުކޮށްފިނަމަ އަސިއަންގެ ބާރު ކެނޑިގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
މީގެ އިތުރުން، 'ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން' އަށް 50 އަހަރު ފުރުން ފާހަގަކުރައްވައި، އެއީ ޤައުމުތަކުގެ މިނިވަންކަމަށް އިޙްތިރާމްކުރުމާއި، ދާޚިލީ ކަންކަމާ ނުބެހުމުގެ އިތުރުން، މައްސަލަތައް ސުލްޙަވެރިކަމާއެކު ޙައްލުކުރުމުގެ މުހިންމު ބިންގާ ކަމުގައި ލާޒާރޯ ސިފަކުރެއްވިއެވެ.
މި ބައްދަލުވުންތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަށް ބެލެވެނީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮންޖެހުންތަކަށެވެ.
ޚާއްސަކޮށް، ދެކުނު އިރުމަތީ އޭޝިއާގެ ބޭރުން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި ވިޔަފާރީގެ މައި މަގުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ މެދު މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާނެއެވެ.
މެނިލާގައި ކުރިއަށްދާ މި ބައްދަލުވުންތައް ނިމިގެންދާނީ، އަންނަ ނޮވެމްބަރު މަހު ބާއްވާ އަސިއަން ސަމިޓުގެ ކުރިން، އެމެރިކާ، ޗައިނާ، ރަޝިއާ، ޖަޕާން، އިންޑިއާ އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ފަދަ މުހިންމު ބައިވެރިންނާއެކު ބާއްވާ މަތީ ފަންތީގެ މަޝްވަރާތަކަށްފަހުގައެވެ.