ޚަބަރު

ޔަމަނަށް ދޭން ވަޢުދުވި އެހީގެ ތެރެއިން ލިބިފައިވަނީ 47 އިންސައްތަ


ޔަމަނުގައި ހިންގާ އިންސާނީ އެހީތެރިކަމުގެ ޙާރަކާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވުމަށް ބައިނަލްއަޤްވާމީ އެކި ޖަމާޢަތްތަކުންނާއި ޤައުމުތަކުން ދޭން ވަޢުދުވެފައިވާ 1.35 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 47 އިންސައްތަކަމަށް އދން ބުނެފިއެވެ.

ސަޢުދީ ޢަރަބިއްޔާއާ ގުޅިގެން ޖޫން 2ވަނަ ދުވަހު އދންވަނީ ޔަމަނަށް މާލީ އެހީތެރިކަން ހޯދުމުގެ ޚާއްޞަ ޙަރަކާތެއް ހިނގާފައެވެ. އދން ބުނެފައިވަނީ 2.4 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަދު ޢަދަދެއް ލިބިއްޖެނަމަ ދުނިޔޭގެ އެންމެ ފަގީރު ޤައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހިންގާ ގިނަ ޙަރަކާތްތައް ހުއްޓި، އެ ޤައުމުގައި ކުރިމަތިވެފައިވާ އިންސާނީ ކާރިޘާ އިތުރަށް ގޯސްވާނެކަމަށެވެ. ނަމަވެސް، އެހީގެ ގޮތުގައި އެ ޙަރަކާތުން ޔަޤީންކުރެވުނީ 1.35 ބިލިއަން ޑޮލަރެވެ.

އދގެ އިންސާނީ ޙައްޤުތަކާބެހޭ ތަރުޖަމާނު ރުޕަޓް ކޮލްވިލު ވިދާޅުވީ އިތުރު އެހީތެރިކަން ނުލިބިއްޖެނަމަ ޔަމަނަށް އެހީވުމަށް ހިންގާ 41 ޙަރަކާތުގެ ތެރެއިން 30 ޙަރަކާތް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ހުއްޓާލަން މަޖުބޫރުވާނެކަމަށެވެ. ޔަމަނުންވަނީ އެހެން ޤައުމުތަކާއި ޖަމާޢަތްތަކުގެ އެހީތެރިކަމަށް ބަރޯސާވެފައިކަން ފާހަގަކުރައްވާ ކޮލްވިލް ވިދާޅުވީ އެހީއަށް އެންމެ ބޭނުންޖެހުނު ދުވަހު އެ ޤައުމަށް އެހީތެރިކަން ލިބެމުން ނުދާކަމަށެވެ.

ޔަމަނުގައި 564 މީހުންނަށް ކޯވިޑް-19 ޖެހި، 130 މީހުންވަނީ މަރުވެފައެވެ. ނަމަވެސް އެ ޢަދަދުތަކަކީ ބަލިޖެހިފައިވާ މީހުންނާއި މަރުވި މީހުންގެ އަސްލު ޢަދަދުތަކަށް ނުވެދާނެކަމަށާއި އިދިކޮޅު ޙޫޘީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގައި ބަލި ޖެހިފައިވާ މީހުންގެ ޢަދަދުތައް ނުހިމެނުން އެކަށީގެންވާކަމަށް ކޮލްވިލް ވިދާޅުވިއެވެ. ޔަމަނުގައި ކޯވިޑް-19ގެ އިތުރުން ކޮލެރާއާއި ބޭރަށް ހިނގުންވެސްދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.