ޚަބަރު

ބުރުންޑީގެ ވެރިކަން އެންޑަޔިޝްމިޔޭއާ ހަވާލުކުރަނީ


ބުރުންޑީގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ އިވަރިސްޓު އެންޑަޔިޝްމިޔޭއަށް ވެރިކަން މިހާރުން މިހާރަށް ހަވާލުކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ބުރުންޑީގެ ރައީސް ޕިއާރ އެންކުރުންޒިޒާވަނީ ޖޫން 9ގައި ކުއްލި ގޮތަކަށް އަވަހާރަވެފައެވެ. އޭނާ އަވަހާރަވުމުން ދަޢުރު ނިމެންދެން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ ބޭފުޅަކާމެދުވަނީ ސުވާލު އުފެދިފައެވެ. އެ ޤައުމުގެ ޤާނޫނު ބުނާގޮތުން އެފަދަ ޙާލަތްތަކުގައި ވެރިކަމާ ހަވާލުވާނީ ޤާނޫނުހަދާ މަޖިލީހުގެ ރައީސެވެ. ނަމަވެސް އެ ޤައުމުގެ ދުސްތޫރީ ކޯޓުންވަނީ އެންޑަޔިޝްމިޔޭއަށް ވެރިކަން ހަވާލުކުރަން އަންގައިފައެވެ. ނަމަވެސް އެންޑަޔިޝްމިޔޭ ރައީސްކަމުގެ ހުވާކުރައްވާނީ ކޮން ތާރީޚެއްގައިކަމެއް ސަރުކާރުން ނުބުނެއެވެ.

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިވަރިސްޓު އެންޑަޔިޝްމިޔޭ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިއޮތީ އަންނަ އޯގަސްޓު މަހުއެވެ.