ޚަބަރު

ސަޢުދީ ޢަރަބިއްޔާއަށް ޙަމަލާދޭން ބޭނުންކުރީ އިރާނުގެ ހަތިޔާރުކަމަށް އދން ބުނެފި


ސަޢުދީ ޢަރަބިއްޔާގެ ތެޔޮ އުފައްދާ މަރުކަޒަކަށާއި ވައިގެ ބަނދަރަކަށް މިދިޔަ އަހަރު ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދިން ޙަމަލާތަކުގައި ބޭނުންކޮށްފައިވަނީ އިރާނުގައި އުފައްދާފައިވާ މިސައިލުތަކެއްކަމަށް އދން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނުމުން އެކަން އީރާނުން ދޮގުކޮށްފިއެވެ.

އދން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާގޮތުން 2019ވަނަ އަހަރުގެ ނޮވެމްބަރު މަހާއި 2020ވަނަ އަހަރުގެ ފެބްރުއަރީ މަހު އެމެރިކާއިން އަތުލައިގަނެފައިވާ ހަތިޔާރުތަކުގެ ތެރެއިން ގިނަ ޢަދަދެއްގެ ހަތިޔާރަކީ އީރާނުން އުފައްދާފައިވާ ހަތިޔާރެވެ. ނަމަވެސް އެ ރިޕޯޓަށް އެމެރިކާއާއި ސަޢުދީ ޢަރަބިއްޔާއިން ނުފޫޒު ފޯރުވާފައިވާކަމަށް ތުހުމަތުކޮށް އީރާނުން ބުނީ އެ ރިޕޯޓު ނެރެފައިވަނީ އީރާނާއެކު ހަތިޔާރުގެ ވިޔަފާރިކުރުން މަނާކުރާ މުއާހަދާ އައު ކުރުމަށް އެމެރިކާއިން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައިކަމުން ޝައްކުތަކެއް އުފެދޭކަމަށެވެ.

ދުނިޔޭގެ ގަދަ 6 ބާރާއެކު 2015ވަނަ އަހަރު އީރާނުން ސޮއިކުރި ނިއުކްލިއަރ އެއްބަސްވުން މި އަހަރުގެ އޮކްޓޯބަރު މަހު ހަމަވުމުން ،އަލުން އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އެމެރިކާއިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ނުދިނުމަށް އީރާނުންވަނީ ރަޝިޔާއަށާއި ޗައިނާއަށް ގޮވާލާފައެވެ. 2018ވަނަ އަހަރު އެއްބަސްވުމުން އެމެރިކާއިންވަނީ ވަކިވެފައެވެ. ނަމަވެސް މުއްދަތުހަމަވާން ގާތްވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ވިދާޅުވީ އެއްބަސްވުން އައު ނުކޮށްފިނަމަ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބޭނުންކުރުމަށް ހަތިޔާރު ހޯދުމަށް އީރާނަށް މަގުފަހިވާނެކަމަށެވެ.