1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސްމޭސްތިރީގެ ގޮތުގައި ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު މައްސަލާގައި ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
ލުތުފީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާއެެވެ. މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 ޖަހާއިރުއެވެ. މި މައްސަލަ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
ލުތުފީގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ލުތުފީގެ މައްޗަށް ދައުވާކުރަނީ ބަލިވެގެން ބޭސްކުރުމަށް ދިޔުމަށް ދޫކޮށްފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓްގެ ދަށުން 16 ޖެނުއަރީ 2010 ގައި އިންޑިއާ ދިޔުމަށްފަހު 1 މެެއި 2019 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާއަކަށް އެންގުމަކާއި ނުލާ ފިލައިގެން އުޅެފައިވާކަމަށެވެ.
ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލި މައްސަލާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ދިޔަ ލުތުފީ ފިލާފައިވަނީ 2010 ވަނަ އަހަރު ބޭސް ފަރުވާއަށް ފޮނުވުމުންނެވެ. ނުވަ އަހަރު ދުވަހު ފިލައިގެން އުޅުނު ލުތުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ އަހަރު ލަންކާގައި ބޮން ގޮއްވި ހާދިސާތަކާއި ގުޅިގެން ވިސާނެތި ދިރިއުޅެމުންދިޔަ މީހުންތައް ހައްޔަރުކުރަން ފެށުމުން ހިމާޔަތް ހޯދުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔުމުންނެވެ.
އެމްބަސީގައި ހުއްޓާ ލުތުފީ މާލެ ގެނެސް ޖަލަށްލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ނޮވެމްބަރު 3 ވަނަދުވަހު ކުލީ ސިފައިން ގޮވައިގެން ރާއްޖެ އަރާ ކުށެއް ނެތް 19 ދިވަހިން ޝަހީދުކޮށްލި މައްސަލާގައި ލުތުފީގެ މައްޗަށް މަރު ހިފަން ކޯޓުން ހުކުމްކުރި ނަމަވެސް އޭރުގެ ރައީސް މައުމޫން އެ އަދަބު އުމުރު ދުވަހަށް ޖަލަށް ލުމަށް ލުއިކޮށްދެއްވިއެވެ.