ޚަބަރު

ތަޢުލީމާއި ގުޅޭ ބިލްތައް އާއްމުންގެ ޚިޔާލަށް


ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތަޢުލީމުގެ ބިލާއި މަތީ ތަޢުލީމުގެ ބިލަށް އާއްމުކޮށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު މަޖިލީހުން ހުޅުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ތަޢުލީމްގެ ބިލަށް މަޖިލީހަށް ހުށައަޅުއްވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު މުމްތާޒްއެވެ. މަތީ ތަޢުލީމްގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅުއްވާފައިވަނީ ވެލިދޫ ދާއިރާ މެމްބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤްއެވެ.
މި ބިލްވެސް އޮތީ ކޮމެޓީ މަރުހަލާގައެވެ.

ރައްޔިތުން މަޖިލީހުން ވިދާޅުވީ މި ދެ ބިލަށް އާއްމުންގެ ޚިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މިގޮތުން އެއްވެސް ޚިޔާލެއް އޮތް ނަމަ އެ ޚިޔާލެއް އަންނަ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ހުށައެޅޭނެއެވެ. އަދި ޚިޔާލު ހުށައަޅަން އެދޭ ފަރާތަކުން މަޖިލީހަށް އީމެއިލްކޮށް ނުވަތަ ލިޔުމުންވެސް ހުށައެޅޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ތަޢުލީމުގެ ބިލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު އެންމެ ފުރިހަމަގޮތުގައި ލިބިދިނުމަށްޓަކައި ޤާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ޤާއިމުކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި، އުނގެނުމާ ގުޅޭގޮތުން ރައްޔިތުންނަށާއި ދަރިވަރުންނަށް ލިބިދޭ ޙައްޤުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ތަޢުލީމު ދިނުމާގުޅޭ އެނޫންވެސް ޢާންމު ހަމަތަކާއި
އުސޫލުތައް ކަނޑައަޅާ ބިލެކެވެ.

މަތީ ތަޢުލީމުގެމި ބިލަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތަޢުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެ މަރުކަޒުތައް ހިންގާނެ އުޞޫލުތައް ބަޔާންކުރުމާއި، މަތީ ތަޢުލީމުގެ ކަންކަން ވިލަރެސްކުރުމަށާއި، މަތީ ތަޢުލީމުދޭ މަރުކަޒުތައް މޮނިޓަރކޮށް، އެމަރުކަޒުތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ހަރުދަނާ ނިޒާމެއް ރާވައި ހިންގުމާބެހޭ އުޞޫލުތައް ބަޔާންކުރުމާއި، އެ ނޫންވެސް މަތީ ތަޢުލީމުގެ ދާއިރާ ތަރައްޤީކޮށް
ކުރިއެރުވުމާބެހޭ އުޞޫލުތައް ކަނޑައަޅާ ބިލެކެވެ.