ޚަބަރު

ބައިޑަނުގެ ރަނިންމޭޓަކަށް ކަމަލާ ހެރިސްވުމުގެ ފުރުޞަތު ބޮޑު


ނޮވެންބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ޖޯ ބައިޑަންގެ ރަނިންމޭޓުގެ މަޤާމު އެމެރިކާގެ ޤާނޫނުހަދާ މަޖިލިހުގެ މަތިގޭގެ މެންބަރެއްކަމަށްވާ ކަމަލާ ހެރިސަށް އޮތް ފުރުޞަތު އިތުރުވެއްޖެއެވެ.

ކަމަލާ ހެރިސަކީ އެމެރިކާގެ ޤާނޫނުހަދާ މަޖިލިހުގެ މަތިގޭގެ މެންބަރުންގެ ތެރެއިން ކަޅު ނަސްލަށް ނިސްބަތްވަޑައިގަންނަވާ ހަމައެކަނި އަންހެން ބޭފުޅާއެވެ. އެމެރިކާގެ މިނިއަޕޮލިސް ސްޓޭޓުގައި ކަޅު ނަސްލުގެ މީހަކު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ އަތުން އޭނާ މަރުވުމުން ކުރަމުންދާ މުޒާހަރާތަކުގައި ހެރިސްވަނީ މުހިންމު ދަޢުރެއް ޢަދާކުރައްވާ މުޒާހަރާތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ފުލުހުންގެ އިދާރާ އިސްލާޙުކުރުމުގެ ބިލެއް އޭނާވަނީ ހުށަހަޅުއްވާފައެވެ. އޭނާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕާ ވަރަށް ދެކޮޅު ބޭފުޅުކެވެ.

ނަސްލީ ތަފާތުކުރުން ނައްތާލާ، ކަޅު ނަސްލުގެ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށް މުޅި ދުނިޔޭގައި މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޓްރަންޕާ ދެކޮޅަށް ނިކުންނަވާ ޖޯ ބައިޑަނުގެ އެންމެ މުހިންމު އެއް ބައިވެރިއަކީ 55 އަހަރުގެ ހެރިސެވެ. ޑިމޮކްރެޓިކު ޕާޓީންދަނީ ބައިޑަނުގެ ރަނިންމޭޓަކަށް ކަޅު ނަސްލަށް ނިސްބަތްވާ އަންހެނަކު ހޮއްވަވަން ބާރުއަޅަމުންނެވެ.

ހެރިސަކީ އެމެރިކާއަށް ކުރިމަތިވެފައިވާ ޙާލަތު ރަނގަޅަށް ދަންނަ މީހެއްކަމަށާއި މީހުންގެ ހިތުގައި ޖޯޝު އުފެދޭ ވާހަކަތަކެއް ދައްކަވާ ބޭފުޅެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި މި ވަގުތު ކުރިމަތިވެފައިވާ ޙާލަތުގެ ގޮތުން ކަޅު ނަސްލަށް ނިސްބަތްވާ އަންހެނަކު ބައިޑަންގެ ރަނިންމޭޓަކަށް އިޚުތިޔާރުކުރުމަކީ ކެންޕެއިނުގެ ކާމިޔާބީއަށް މުހިންމު ކަމެއްކަމަށާއި އެ މަޤާމަށް އެންމެ އެކަށީގެންވާ މީހަކީ ހެރިސްކަމަށް ގިނަ ބަޔަކު ދެކެއެވެ.