ސްކައުޓު ޙަރަކާތުގެ ބާނީ ރޮބަޓު ބޭޑެން ޕަވަލު ރަމްޒުކޮށްދޭ ބުދެއް ނެގުމަށް ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާކުރާ މީހުން ގޮވާލައިފިއެވެ. އެއާއެކު އިނގިރޭސިވިލާތުގެ ދެކުނުގައި އޮންނަ ޕޫލުގައި ބަހައްޓާފައިވާ ބުދަށް އެއްވެސް ގެއްލުމެއް ދީފާނެކަމުގެ ބިރަށް އެ ބުދު ޙިމާޔަތްކުރުމަށް ގިނަ ބަޔަކުވަނީ ނުކުމެވެފައެވެ.
އެމެރިކާގެ މިނިއަޕޮލިސް ސްޓޭޓުގައި ކަޅު ނަސްލުގެ މީހަކު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ އަތުން އޭނާ މަރުވުން އެ ޤައުމުގައިދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. އެ މުޒާހަރާތައް މިހާރުވަނީ މުޅި ދުނިޔެއަށް ފެތުރި، ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ކުރާ އަނިޔާއާއި އެ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ގޮވާލާ ޙަރަކާތަކަށް ބަދަލުވެފައެވެ. މުޒާހަރާތަކުގައި ބައިވެރިވާ މީހުންވަނީ މާޒީގައި އަޅުންގެ ވިޔަފާރިކުރި މީހުންނާއި ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ޖަރިމާ ހިންގާފައިވާކަމަށް ޤަބޫލުކުރެވޭ މީހުންނާއި ވަރުގަދަ ސިޔާސީ ޝަހުސިއްޔަތުތައް ރަމްޒުކޮށްދޭ ބުދުތައް ނަގަން ގޮވާލާ، އެ ބުދުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
އިނގިރޭސިވިލާތުގައި މުޒާހަރާތަކުގައި ބައިވެރިވާ މީހުންވެސްވަނީ އެ ޤައުމުގައި ބަހައްޓާފައިހުރި އެފަދަ ބުދުތައް ނެގުމަށް ގޮވާލާފައެވެ. އޭގެ ތެރޭގައި ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސިވިލާތަށް ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާދެއްވި ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާރޗިލުގެ ބުދާއި އަސްކަރިއްޔާގައި ޝަރަފުވެރިކަމާއެކު ދިގު މުއްދަތަކަށް ޚިދުމަތްކުރެވުމަށްފަހު ދުނިޔޭގައި ސަކައުޓު ޙަރަކާތް ފެއްޓެވި ރޮބަޓު ބޭޑެން ޕަވަލުގެ ބުދުވެސް ހިމެނެއެވެ.
މީގެ ދިހަ އަހަރު ކުރިން ޕޫލްގައި ބެހެއްޓި ބޭޑެން ޕަވަލުގެ ބުދު ދައްކުވައިދެނީ އޭނާ އިށީންދެ އިންނަވައިގެން ބްރައުން ސީ އައިލެންޑާއި ދިމާލަށް ބައްލަވާ މަންޒަރެވެ. 1907ވަނަ އަހަރު ސްކައުޓު ޙަރަކާތް އެންމެ ފުރަތަމަ ފެށީ ބްރައުން ސީ އައިލެންޑުގައެވެ.
20ވަނަ ޤަރުނުގައި އިނގިރޭސިވިލާތުގެ 13ވަނައަށް އެންމެ ނުފޫޒުގަދަ ޝަޚުސިއްޔަތުގެ ގޮތުގައި 2007ވަނަ އަހަރުވަނީ ބޭޑެން ޕަވަލު ކަނޑައަޅާފައެވެ. ނަމަވެސް އޭނާއަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ މީހެއްކަމަށާއި ނަޒީ ޖަރުމަންވިލާތުގެ ލީޑަރު އެޑޮލްފް ހިޓުލަރަށް ތާޢީދުކުރެއްވި މީހެއްކަމަށް އޭނާއަށް ފާޑުކިޔާ މީހުން ބުނެއެވެ.
ބޭޑެން ޕަވަލުގެ ބުދު އެހެން ތަނަކަށް ބަދަލުކުރަން ނިންމާފައިވާކަމަށް ޕޫލުގެ ކައުންސިލުން ބުނުމުން ގިނަ ޢަދަދެއްގެ ޢާންމުންނާއި ސްކައުޓުންވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. ކައުންސިލުން ބުނީ ބޭޑެން ޕަވަލާއި ސްކައުޓު ޙަރަކާތާއި ޕޫލް ގުޅިފައި އޮތުމުން ރައްޔިތުން އެކަމާ ފަޚުރުވެރިވާކަމަށާއި އެ ބުދު އެ ތަނުން ނަގައިފިނަމަ މުޒާރަހާ ކުރަމުންދާ މީހުންގެ ޝަރުތުތަކަށް ލެންބެނީކަމަށް ބައެއް މީހުން ދެކޭނެކަމަށެވެ.