ރިޔާސީ އިންތިޚާބަށް ތާޢީދު ހޯއްދެވުމަށް ކުރިއަށްއޮތް ދުވަސްތަކުގައި އަލުން ސިޔާސީ އެއްވުންތައް ބާއްވަވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ވިދާޅުވެއްޖެއެވެ.
ކުރިއަށް ނޮވެންބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ދެވަނަ ދަޢުރަކަށް ކުރިމަތިލައްވާނެކަމަށް ވިދާޅުވެ ކޯވިޑް-19 ފެތުރުމުގެ ކުރިން ޓްރަންޕްވަނީ ތާޢީދު ހޯއްދެވުމަށް އެކި ޙަރަކާތްތައް ބާއްވަވަމުންނެވެ. ނަމަވެސް، ބަލިމަޑުކަން ފެތުރުމުގެ ސަބަބުން އެ ޙަރަކާތްތައްވަނީ މަޑުޖެހިފައެވެ.
އެމެރިކާގެ ރައީސް ޓްރަންޕް ވިދާޅުވީ އޮކްލަހޮމާ ސްޓޭޓުގައި ސިޔާސީ ޙަރަކާތް ބާއްވަވަން ނިންމަވާފައިވާކަމަށާއި އެއަށްފަހު ފްލޮރިޑާއާއި އެރިޒޯނާއާއި ނޯތު ކެރޮލައިނާގައި ޙަރަކާތްތައް ބާއްވަވާނެކަމަށެވެ. އޮކްލަހޮމާގައި އެއްވުން ބާއްވަވަން ވިސްނަވަނީ ޓަލްސާގައިކަމަށާއި އެ ސިޓީއަކީ ކޯވިޑް-19އާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ސިޓީއެއްކަމަށް ޓްރަންޕް ފާހަގަކުރެއްވިއެވެ. ޓްރަންޕަކީ އަބަދުވެސް ވަރަށް ފޯރިގަދަ ސިޔާސީ އެއްވުންތަކެއް ބާއްވަވާ ބޭފުޅެކެވެ.
ކޯވިޑް-19އާ ދެކޮޅަށް އެމެރިކާގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޓްރަންޕުގެ މަގުބޫލުކަން ކުޑަވެފައިވާކަންވަނީ ފާހަގަވެފައެވެ. އޭގެ އިތުރުން އެމެރިކާގެ މިނިއަޕޮލިސް ސްޓޭޓުގައި ކަޅު ނަސްލުގެ މީހަކު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ އަތުން އޭނާ މަރުވުމުން އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ބޮޑެތި މުޒާހަރާތަކެއް ކުރުމުން ރައީސް ޓްރަންޕަށް އޮންނަ ތާޢީދު ކުޑަވެފައިވާކަންވަނީ ފާހަގަވެފައެވެ.
ކޯވިޑް-19ގެ ނުރައްކާ ކުޑަނުވިނަމަވެސް ޢާންމުކޮށް ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ސިޔާސީ އެއްވުންތައް ބޭއްވުމުގެ ފުރުޞަތު ތަނަވަސްވެފައިވާކަމަށް ޓްރަންޕުގެ ކެމްޕެއިނު ޓީމުން ޤަބޫލުކުރެއެވެ. ނަމަވެސް ސިޔާސީ އެއްވުންތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ޚާއްޞަ ގޮތެއް އިޢުލާނުކޮށްފައެއް ނުވެއެވެ.