ޚަބަރު

މުޒާހަރާތަކުގެ ސަބަބުން ދެވަނަ ފަހަރަށް ވިލާތުގައި ކޯވިޑް-19 ފެތުރުމުގެ ބިރު


ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ކޯވިޑް-19 ފެތުރޭ މިންވަރު ވިލާތުގެ ޤައުމުތަކުގައި އިތުރުވެދާނެކަމަށް ޞިއްޙީ މާހިރުން ބުނެފިއެވެ.

އެމެރިކާގެ މިނިއަޕޮލިސް ސްޓޭޓުގައި ކަޅު ނަސްލުގެ މީހަކު ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުންގެ އަތުން އޭނާ މަރުވުމުން ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެމެރިކާގެ އިތުރުން ދުނިޔޭގެ ގިނަ ޤައުމުތަކެއްގައިދަނީ މުޒާހަރާކުރަމުންނެވެ. ވިލާތުގެ ޤައުމުތަކުގައިވެސް އެތައް ހާސް ބަޔަކުވަނީ މުޒާހަރާކޮށްފައެވެ.

ވިލާތުގެ އިއްތިޙާދުގެ އިސް ބޭފުޅުންނާއި ޞިއްޙީ މާހިރުން ބުނީ މުޒާހަރާތަކުގެ ސަބަބުން ވިލާތުގެ ޤައުމުތަކުގައި ދެވަނަ ފަހަރަށް ކޯވިޑް-19 ފެތުރެން ފަށާނެކަމަށް ލަފާކޮށްފައިވާ ތާރީޚު އަވަސްވުން އެކަށީގެންވާކަމަށެވެ. ޔޫރަޕިއަން ސޮސައިޓީ އޮފް އިންޓެންސިވް ކެއަރ މެޑިސިނުން ބުނީ ދެމީހުންގެ ދެމެދުގައި 1.5 މީޓަރުގެ ދުރުމިން ބެހެއްޓުމަށް އިރުޝާދު ދީފައިވަނިކޮށް ކައިރިކައިރީގައި ތިބެ، ގައިގޯޅިވެ މުޒާހަރާކުރުމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށެވެ.

ވިލާތުގެ ގިނަ ޤައުމުތަކުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރޭ ދުވަސްވަރުވަނީ ފަހަނައަޅައި ގޮސްފައެވެ. ފާއިތުވި ހަފުތާތަކުގައި ވިލާތުގެ ޤައުމުތަކުގައި ވިޔަފާރިތަކާއި ސަރަޙައްދީ ރޮނގުތައްވަނީ ކޮންމެވެސް ވަރަކަށް ހުޅުވަން ފަށައިފައެވެ.

މުޒާހަރާތަކުގެ ކުރިން ދެވަނަ ފަހަރަށް ބަލި ފެތުރޭނެކަމަށް ސައިންސުވެރިން ލަފާކޮށްފައިވަނީ މި އަހަރުގެ ހޫނު މޫސުމުގެ ފަހުންނެވެ. ނަމަވެސް މުޒާހަރާތަކުގެ ސަބަބުން އަނދާޒާކޮށްފައިވާ ތާރީޚަށް ބަދަލުއައުން ގާތެވެ. ދެވަނަ ފަހަރަށް ބަލި ފެތުރޭ މިންވަރު ގުޅިފައިވަނީ އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ނިސްބަތަށްކަމަށް ޞިއްޙީ މާހިރުން ޤަބޫލުކުރެއެވެ.